ލޯނު ދޫކުރުން ހުއްޓާލި ވާހަކައަކީ ދޮގެއް ކަމަށް އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފި އެވެ.
އެސްޑީއެފްސީން ނެރުނު ބަޔާނެއްގައި ބުނީ އެސްޑީއެފްސީން ދޫކުރަމުން ގެންދާ ލޯނުތަކުގެ ތެރެއިން މަސްވެރިކަމާ ގުޅުންހުރި ދާއިރާ އަށް "ކަނޑުފަޅު ނަފާ"ލޯނު ޕްރޮޑަކްޓްތަކުގެ ދަށުން، ފަރުމަހުގެ މަސްވެރިކަމަށް ހާއްސަ ކެޓެގަރީއެއް އިތުރުކުރެވި، އަދި "ދަނޑުވެރި ނަފާ" ލޯނު ޕްރޮޑަކްޓް އަދި އަންހެނުން ޝާމިލުވާ ވިޔަފާރިތަކަށް "ފަށާ މަދަދު" ގެ ލޯނު ޕްރޮޑަކްޓްގެ ދަށުން މިހާރުވެސް ލޯނަށް އެދެވޭނެ ކަމަށެވެ.
މި ދާއިރާތަކަށް ކަނޑައެޅިފައިވާ ލޯނުތަކަށް އެސްޑީއެފްސީގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދުމުގެ ފުރުސަތު މިހާރު ވެސް ހުޅުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ. މި ދާއިރާތަކުން ލޯނު ހޯދުމަށް މިއަހަރުގެ މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެސްޑީއެފްސީން ވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެކި ދާއިރާތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނިކޮށް ލޯނު ދޫކުރުން ހުއްޓާލާފައިވާ ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ހިތާމައެއް ކަމަށާއި މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.