Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

ކޮންސަޓަށް ހަމަލާދިން މީހުންނަށް ދައުވާކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ރޭ ރަޝިއާގެ ވެރިރަށް މޮސްކޯގެ ކޮންސަޓަކަށް ބަޑިން ހަމަލާތަކެއް ދީ އެތައް ބަޔަކު މަރާލި ހާދިސާއާ ގުޅިގެން އެކަމުގައި އިސްކޮށް ތިބި ހަތަރު މީހަކަށް ޓެރަރިޒަމްގެ ދައުވާ މިއަދު ކޮށްފި އެވެ.

ހަތަރު މީހުންގެ ނަމާއި ފޮޓޯތައް ވެސް މީހާރު ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދަލެދްޒޮން މިރުޒޮޔޭވް އާއި ސައިދަކްރަމީ މުރޮޑާލީ ރަޗަބަލިޒޯޑާ އާއި ޝަމްސިއްދީން ފަރުދޫނީގެ އިތުރުން މުހައްމަދުސޮބީރް ފޭޒޯވް އެވެ. ތަޖިކިސްތާނަށް ނިސްބަތްވާ މި މީހުންގެ ބަންދުގެ މުއްދަތު މިހާރު ވަނީ މެއި މަހުގެ 22 އާ ހަމައަށް ދީފަ އެވެ.

މި މީހުން އަތުލައިގަތީ ހަމަލާ އަށް ފަހު، ޔުކްރޭން ދާން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ރަޝިއާ އިން ބުންޏެވެ.

މޮސްކޯގެ ކްރޮކްސް ހޯލްގައި ކުރިއަށް ދިޔަ ކޮންސަޓަށް ދިން ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ ނަގައިގަ އެވެ. އަދި މި ހަމަލާއާ ޔުކްރޭން ގުޅުން އޮތް ކަމަށް ރަޝިއާ އިން ތުހުމަތިކޮށްފައިވެ އެވެ.

ކޮންސަޓަށް ދިން ހަމަލާގައި 137 މީހަކު މަރުވެ، 140 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. ހަމަލާދިން އިރު ކޮންސަޓް ބަލަން 6،200 އެއްހާ މީހުން ވަދެ ތިއްބެވެ.