Last Updated: July 22, 14:09
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ޗޯލީ ކޭ ޕީޗޭ" ގެ އާ ވާޝަން ކަމުދޭތަ؟

ބޮލީވުޑްގެ ލަވަ "ޗޯލީ ކޭ ޕީޗޭ ކިޔާ ހޭ" އަކީ ވަރަށް މަޝްހޫރުވު ލަވައެކެވެ. މި ލަވަ އަކީ އަދިވެސް އާންމުންގެ ތެރޭގައި މަގުބޫލު ލަވައެކެވެ. މި ލަވަ އަކީ ޑައިރެކްޓަރު ސުބާޝް ގާއީގެ 1993 ގެ ފިލްމު "ކަލްނަޔަކު" ގެ ލަވައެވެ. މަދޫރީ ޑިކްސިޓްގެ ނެށުންތަކެއް ފެނިގެންދާ ލަވަ ކިޔާފައި ވަނީ އަލްކާ ޔަގްނިކާއި އިލާ އަރޫން އެވެ. ލަވައިގެ މިއުޒިކް ހެދީ ލަކްޝްމީކާންތު-ޕިޔާރޭލާލު އެވެ.

އާންމުންގެ ތެރޭގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ލަވައިގެ ޅެން ލިޔުނީ ކުޅަދާނަ ޅެންވެރިޔާ އާނަންދު ބަކްޝީ އެވެ.

"ޗޯލީ ކޭ ޕީޗޭ" އަށް ކިތަންމެ ދުވަހެއް ވިޔަސް މި ލަވަ އަށް ފަނޑު ކަމެއް ނެތެވެ. އޭގެ ހެއްކަކީ މިހާރު ޓްރެންޑްވެފައިވާ މީގެ އާ ވާޝަނެވެ. މި ލަވަ ހިމަނާފައި ވަނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ކްރޫ" ގަ އެވެ. މީގެ ތަރިންނަކީ ކަރީނާ ކަޕޫރާއި ތައްބޫގެ އިތުރުން ކްރިތީ ސެނަން އެވެ.

މި ތަރިންގެ ހަރަކާތްތަކާ އެކީ "ޗޯލީ ކޭ ޕީޗޭ" ގެ އާ ވާޝަން ވެސް ގެނެސްދީފައި ވަނީ އަލްކާ އާއި އިލާގެ އަޑުގެ އިތުރުން "ކްރޫ" ގެ ރޯލެއް ކުޅެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސަންޖްގެ އަޑު ވެސް ހިމަނައިގެން މި ޒަމާނުގެ ސްޓައިލަށެވެ.

ލަވައިގެ ކޮރިއޯ މި ފަހަރު ހަދާފައި ވަނީ ފަރާ ޚާނެވެ.