Last Updated: April 29, 08:50
Monday, April 29, 2024
ދުނިޔެ

އަޔަލޭންޑަށް ޒުވާން، އާ ބޮޑުވަޒީރެއް

އަޔަލޭންޑަށް ޒުވާން އާ ބޮޑުވަޒީރަކު އައްޔަންކުރަން ނިންމައިފި އެވެ.

ސަރުކާރު ހިންގާ، ޕާޓީ، ފައިން ގައެލް އިން ބުނީ އަޔަލޭންޑްގެ ތާރީހުގައި ވެސް އެންމެ ޒުވާން ބޮޑުވަޒީރަކަށް ވާނީ 37 އަހަރުގެ ސައިމަން ހެރިސް ކަމަށެވެ. އޭނަ އެ މަގާމަށް ގެންނަން ޕާޓީން ނިންމީ މިދިޔަ ބުދަ ދުވަހު މިހާރުގެ ބޮޑުވަޒީރު ލިއޯ ވަރަދްކަރް އިސްތިއުފާ ދެއްވަން ނިންމެވުމާ ގުޅިގެންނެވެ.

އޭނަ އިސްތިއުފާ ދެއްވަން ނިންމެވީ "އަމިއްލަ އަދި ސިޔާސީ ވަރަށް ގިނަ ސަބަބުތަކާ ހެދި" ކަމަށް ވިދާޅުފައިވެ އެވެ. ލިއޯ 2017 ގައި އަޔަލޭންޑްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އިރު އުމުރަކީ 38 އެވެ. އެއީ އޭރު އަޔަލޭންޑްގެ އެންމެ ޒުވާން ބޮޑުވަޒީރެވެ.

ބޮޑުވަޒީރުކަމާ އަލަށް ހަވާލުވުވެވަޑައިގަންނަވާ ހެރިސް ވިދާޅުވީ މިއީ އޭނަ އަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ. އަދި ޕާޓީގެ ފަރާތުން މިފަދަ ފުރުސަތެއް ފަހިކޮށް ދޭން ނިންމީތީ ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.

ހެރިސް ބޮޑުވަޒީރަކަށް އައްޔަންކުރަން ނިންމި އިރު، އޭނަ ހުންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގަ އެވެ. އޭނަ 2016-2020 އަށް ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.