Last Updated: July 22, 14:09
Wednesday, July 22, 2026
މުނިފޫހިފިލުވުން

ކާތިކަށް ވިޝާލްގެ އެކްޝަން ތުރިލާއެއް

ޑައިރެކްޓަރު ވިޝާލް ބަރަދްވާޖާ އެކީ ޒުވާން އެކްޓަރު ކާތިކް އާރިއަން އެކްޝަން ތުރިލާއެއްގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ މި ފިލްމަކީ މި އަހަރުގެ ޖޫންގައި ރިލީޒްކުރަން ހަމަޖެހިފައިވާ ކާތިކްގެ "ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަތު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އެގޮތުން ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ އެކްޝަން ތުރިލާގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށަން ހަމަޖެހިފައިވާ ކަމަށާއި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ފިލްމު ބެލުންތެރިންނަށް ގެނެސްދިނުން ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ނަމަވެސް މިއާ ބެހޭ އެއްވެސް ވާހަކައެއް އަދި ރަސްމީކޮށް، ސާޖިދާއި ވިޝާލްގެ އިތުރުން ކާތިކްގެ ފަރާތަކުން ވެސް ނުލިބެ އެވެ. އެކަމަކު މި ފިލްމު ވާނީ "އޯމްކާރާ" އާއި "މަގުބޫލް" އާއި "ކަމީނޭ" އަދި "ހައިދަރު" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ވިޝާލާ އެކީ ކާތިކް މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ.

މިދިޔަ އަހަރު "ކޫފިޔާ" ގެނެސްދިން ޑައިރެކްޓަރު ޝާހްރުކް ޚާނާ އެކީ ފިލްމެއް ހަދަން ޕްލޭން ކުރަމުން އަންނަކަމުގެ ވާހަކަތަކެއް ވެސް މި ފަހުން ދެކެވިފައިވެ އެވެ.

ކާތިކް މިހާރު އަންނަނީ މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" ގެ މަސައްކަތް ކުރަމުންނެވެ. އޭނައާ އެކީ ޑައިރެކްޓަރު ކަބީރް ޚާން ގެނެސްދޭ "ޗަންދޫ ޗެމްޕިއަން" ސިނަމާތަކަށް އަންނާނީ ޖޫން 14 ގަ އެވެ.