Last Updated: April 23, 11:52
Tuesday, April 23, 2024
ރިޕޯޓް

ޔާމީނުގެ ވެރިކަމުގައި ޑިމޮކްރަސީގެ ސިފައެއް ނެތެވެ.

އެކެއްގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކޮށްގެން ހުރެ
ކުރާ ވެރިކަމަށް ކިޔަނީ އޮޓޮކްރަސީ އެވެ. އެއީ ޑިމޮކްރަސީއެއް ނޫނެވެ.
އެފަދަ ވެރިކަމެއްގައި އަދުލުވެރިކަމާއި އިންސާފު ފެންނާނީ ކަރުދާހުން
އެކަންޏެވެ. އެޒާތުގެ ވެރިކަމެއްގައި ރައްޔިތުންގެ އިހުސާސްތަކާއި
ވިންދަށް ބެލުމެއް ނޯންނާނެއެވެ. ޖައްބާރުކަމާއި އަނިޔާވެރިކަން
ފާޅުކުރުމަކީ މިދެންނެވި ކަހަލަ ވެރީންގެ ތަބީއަތުގައި ހުންނަކަމެކެވެ.
ދުނިޔޭގެ ތާރީޚަަށް ބަލައިލީމާ މިކަންކަން ވަރަށް ރީއްޗަށް ފެންނާނެއެވެ.

މާފުނަށް ފީނުމުގެ ބޭނުމެއް ނެތެވެ. މާދުރަށް ވިސްނުމުގެ ބޭނުމެއްވެސް
ނެތެވެ. މި ދިވެހިރާއްޖޭގައި މިހާރު ގާއިމުވެފައިވާ ސަރުކާރާއި ދޭތެރޭ
ވިސްނައިލާށެވެ. ދެން ބާރުތައް ޖަމާވެފައިވާ ގޮތާދޭތެރޭ ފިކުރު
ހިންގައިލާށެވެ. ދައުލަތުގެ ބާރުތަކޭ އާއްމުކޮށް ކިޔައި އުޅެނީ މައިގަނޑު
ތިން ބަޔަކަށެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު
ގާއިމު ކުރުމުގެ ބާރާއި ގާނޫނުތައް ހެދުމުގެ ބާރެވެ. އެއަށްވުރެ ތިލަކޮށް
ކިޔާނަމަ އެއީ ސަރުކާރާއި ފަނޑިޔާރުގެ އާއި ރައްޔިތުންގެ މަޖިލީހެވެ. މި
ތިންބާރުވެސް މިހާރު ޖަމާވެފައިވަނީ އެކެއްގެ މުށުތެރެއަށެވެ. އެމީހަކީ
ރައީސް އަބްދުﷲ ޔާމީނެވެ.

މިހެން ލިޔުނީމާ ބަޔަކު މީހުން ނުރުހިގެންފައި ކުރިމައްޗަށް އައިސް
ޖެހިގެންފައި ބުނާނެއެވެ. ބަލަގަ މީނދަ މީހާއެވެ. ތިޔަ ބުނާ ބާރަކީ
ޑިމޮކްރަސީގެ އިމުގެ ތެރެއިން ރައްޔިތުން ހަވާލުކުރި ބާރުތަކެވެ.
ޔާމީނަކީ ރައްޔިތުންގެ ވޯޓުން ހޮވާފައި ހުންނެވި ރައީސެވެ. އަހުރެންވެސް
އެއްބަހެވެ. ރައީސުލްޖުމްހޫރިއްޔާކަމަށް ޔާމީނު އިންތިޚާބު ކުޅައީ
ރައްޔިތުންނެވެ. އެކަމަކު ފަނޑިޔާރުގެއަށް އަތް ބޭނުމާއި މަޖިލީސް
ކޮންޓްރޯލް ކުރުމުގެ ބާރު ރައްޔިތުން ޔާމީނަކާއި ހަވާލެއް ނުކުރެއެވެ.
އެބާރުތައް ޔާމީނު ހޯއްދެވީ ހީލަތްތެރި ގޮތެއްގައެވެ. ރައްޔިތުންގެ
ނިންމުމާ މުޅިން ދެކޮޅަށެވެ.

އެންމެ ފުރަތަމަ މަޖިލީހަށް ބަލައިލާށެވެ. މަޖިލީހަށް 85 މެންބަރުން
ހޮވުމަށް އެންމެފަހުން ބޭއްވުނު އިންތިޚާބުގައި ރައީސް ޔާމީނުގެ
ޕީޕީއެމަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައެއް ނެތެވެ. އެއީ
ރައްޔިތުންގެ ނިންމުމެވެ. ޚުދު ރައީސް ޔާމީނަށް ވެސް ރައްޔިތުން ވޯޓު
ދިނީ ޕާޓީތަކާ ގުޅިގެން ވެރިކަން ހިންގެވުމަށެވެ. މަޖިލީސް
އިންތިޚާބުގައިވެސް ރައްޔިތުންގެ މެސެޖަކީ އެއީ އެވެ. އެކަމަކު މަޖިލިސް
އިންތިޚާބު ހަމަ ނިމުމާއެކު ދެން ފެނުނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ
ޓިކެޓުގައި ހޮވުނު ބައެއް މީހުންނާއި އަމިއްލަ ގޮތުން ހޮވުނު ބައެއް
މީހުން ޕީޕީއެމަށް ސޮއިކުރި މަންޒަރެވެ. އިސާހިތަކު މަޖިލީހުގެ ފުރިހަމަ
ކޮންޓްރޯލް އޮތީ ރައީސް ޔާމީނުގެ މުށުތެރޭގައެވެ. މިކަން މިމަގުން
ހިނގާފައި އޮތީ އޮޓޯއިން ކަމަށް ގަބޫލުކުރާ ބަޔަކު ތިބިކަމަށް ވަނީ
ވިއްޔާ އެބަޔަކު އެތިބީ އާފިލުކަންމަތީގައެވެ.

މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް ލިބުނީމާ ދެންވާ ގޮތަކީ
ވެރިމީހާގެ ނިންމެވުންތަކުގައި ތައްގަނޑު ޖަހައިލުން ފިޔަވައި އެހެން
ކަމެއް ނުކުރެވުމެވެ. މިއަދުގެ މަޖިލީހުން ފެންނަނީ މި މަންޒަރެވެ.
އޮޑިޓަރ ޖެނެރަލް ބޭރުކޮށްލުމާއި ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު
ކުޑަކުރުމާއި ސެޒްގެ ގާނޫނާއި އަދި ނަޝީދަށް އެމްޑީޕީގެ ރައީސްކަން
ގެއްލުވާލުމުގެ އިސްލާހަކީ މިމަގުން ހިންގާފައިވާ ކަންކަމެވެ. މިނިވަން
މުވައްސަސާތަކަށް މީހުން އައްޔަންކުރަނީ މަޖިލީހުން ކަމަށްވެފައި
މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް އޮތުމުގެ މާނައަކީ މަގާމުގައި
ދެމިތިބެން ބޭނުންނަމަ ސަރުކާރުން ކުރާކަންކަމަށް ދެލޯ މަރާލުމެވެ. ދެން
ސަރުކާރުގެ ފުލުސް މީހާގެ ދައުރު އަދާކުރުމެވެ. މިއަދު ޕޮލިސް
އިންޓެގްރިޓީ ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ޖުޑިޝަލް ސާވިސް
ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން އެކުރަނީ މިމަސައްކަތެވެ. އަދި
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީންވެސް ކުރަނީ ހަމަ
މިމަސައްކަތެވެ. ސަރުކާރުގެ އަމަލަކާއި ދޭތެރޭ ޗުއްޕު ބުނެލަން ކެރޭ
މީހަކު އެއިން ކޮމިޝަނެއްގައި ނެތެވެ. ކިރިޔާވެސް އަނގަ ހަލުވައިލުމުގެ
ހިތްވަރު ހުރި ކަމަށް ފެންނަނީ ހިއުމަންރައިޓްސް ކޮމިޝަނުގެ މެންބަރުންގެ
ފަރާތުންނެވެ.

ދެން އޮތީ އަދުލު އިންސާފުގެ ދާއިރާއެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް
ހޯދައިގެން އުއްތަމަ ފަނޑިޔާރާއި ސްޕްރީމްކޯޓުގެ އެހެން ފަނޑިޔާރަކު
ބޭރުކޮށްލި ގޮތް ހުރިހާ ފަނޑިޔާރުންނަށް ވެސް ފެނުނެވެ. މަގާމަށް
އައްޔަންކޮށްފައި ތިބެނީ އުމުރު ދުވަހަށޭ ބަޔާންވެފައި އޮތަސް
ހަގީގަތުގައި މަގާމުގެ މުއްދަތަކީ ސަރުކާރުގެ ރުހުމާއި ހެޔޮއެދުން
ދެމިއޮތްހާ ދުވަހެކެވެ. އެކަން ބަދަލުވާ ދުވަހަކީ މަގާމު ގެއްލޭ
ދުވަހެވެ. މަޖިލީހުން އައްޔަންކުރާ މީހުން ބޭރުކުރާނީ މަޖިލީހުންނެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ މީހުން ބޭރު ކުރާނީ
އެކޮމިޝަނުންނެވެ. މިކަމާ ދޭތެރޭ އެއްވެސް ފަނޑިޔާރެއް ގާޒީއެއްގެ
ހިތުތެރޭގައި ޝައްކެއް ނެތެވެ. އެހެންވުމުން ދެން މިވާގޮތަކީ ސަރުކާރު
ބޭނުންވާގޮތް ނޫން އެހެން ގޮތަކަށް ނިޔާއިއްވާން ކެރޭ ފަނޑިޔާރަކު
ނެތުމެވެ. ފަނޑިޔާރުގޭގެ މުސްތަގިއްލުކަން ގެއްލިގެން ދިއުމެވެ.

ފަނޑިޔާރުގޭގެ މުސްތަގިއްލުކަމާ ދޭތެރޭ ވާހަކަ ދައްކަން އަޅުގަނޑު
ޖެހިލުންވެއެވެ. ލަދުވެސް ގަނެއެވެ. އެ މުސްތަގިއްލުކަމުގެ މިންވަރު
ދެނެގަތުމަށް ތިޔަބޭފުޅުންނަށް އޮތީ މި ދައުރުގައި ފަނޑިޔާރުގެއަށް
ދައުލަތުން ހުށައެޅި މައްސަލަތަކުގެ ނިޔާ އައިގޮތް ބަލައިލުމެވެ. ކާނަލް
ނާޒިމާއި ރައީސް ނަޝީދުގެ ޝަރީއަތުގެ ސަފްހާތައް މުރާޖައާކޮށްލުމެވެ.
ބައެއް ވިޔަފާރިތަކާ ދެކޮޅަށް ހުށައެޅުނު މައްސަލަތައް ބަލައިލުމާއި
ފުލުހުން ހައްޔަރުކުރާ މީހުންގެ މުއްދަތު ޖެހުމުގެ ތަރުތީބަށް
ބަލައިލުންވެސް އެދެވިގެންވެއެވެ. މިކަންތަކަށް ރިއާޔަތްކޮށްފިއްޔާ
ޖަވާބު ވަރަށް ސާފުވާނެއެވެ.

މިދެންނެވި ބާރުތައް މިބީދައިން ވެރިމީހާގެ މުށުތެރެއަށް ޖަމާވެ
އެވެރިމީހާގެ ނަންފުޅުގައި ސަރުކާރުގެ އެކި ގިންތީގެ އެކިއެކި ވެރިން
ހިންގަވާ ކަންތައްތަކާއި މެދު ރައްޔިތުން ޝަކުވާކުރަން ފެށީމާ
ތިޔަކަންކަން މިނިވަން މުވައްސަސާތަކަށް ހުށައަޅާށޭ ނުވަތަ ޝަރީއަތުން
އިންސާފު ހޯދާށޭ ބުނެ ސަރުކާރުން ޖަވާބު އެބަދެއެވެ. މި ޖަވާބު އިވުނީމާ
އަޅުގަނޑުވެސް ހިނިއާދެއެވެ. އެހެންޏާފަހެ ރެހެންދި ފްލެޓުތައް
ބެހުމުގައި އިންސާފެއް ނެތްކަން ސާބިތުކުރަން ދާން މިޖެހެނީ އެއިން
ފްލެޓެއް ލިބުނު މީހުންގެ ތެރެއިން މީހެއްގެ ކައިރިއަށެވެ. އަނިޔާ
ކުރާމީހާ އާއި ތަހުގީގު ކުރާމީހާ އާއި ނިޔާ އިއްވާމީހާ އެކަކަށްވީމާ ދެން
އެއީ ހެޔޮވެރިކަމެކޭ ކިޔާނީ އެނިޒާމުން ބައިއެޅޭ މީހެކެވެ. އެނޫން
އެންމެން ކިޔާނީ ތިޔައީ ގޯހެކޭ އެވެ.

މިވާހަކަތައް ލިޔުނީމާ އަޅުގަނޑަށް ވެސް ބައެއް މީހުން
ވަރެއްކޮށްލާނެއެވެ. ތިޔައީ ފަހެ ކޯޗެއް އެނގިގެން އުޅޭ މީހާގަނޑެއްހޭ
އަހައި ސުވާލުވެސް ކުރާނެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ތިމާގެ
އަމިއްލަ ދާވަންޏަށް ފުރަތަމަ ބަލައިލާށެވެ. ބައިއެޅިގެން ދާއިރު ތިމާގެ
އަންބޮނޑި އޮތީ ހުސްކޮށްތޯ ބަލައިލާށެވެ. ހުސްނޫންކަމަށްވާނަމަ ތިޔައީ
ބާތިލް ވާހަކައެކެވެ.