Last Updated: April 27, 17:57
Saturday, April 27, 2024
ޚަބަރު

ޖަޕާނުން ރާއްޖެ އަށް އިތުރު އެހީތަކެއް

ޖަޕާނުން ރާއްޖެއަށް އިތުރު އެހީތެރިކަން ފޯރުކޮށް ދޭން ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދެ ގައުމުން ސޮއިކޮށްފައި ވަނީ ކަސްޓަމްސް ޕެޓްރޯލް ކްރާފްޓެއް ފޯރުކޮށް ދިނުމުގެ އެއްބަސްވުމަކާއި މެރިޓަމް ސޭފްޓީ އަދި ސެކިއުރިޓީ ގާއިމު ކުރަން 1.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުުމެއްގެ އިތުރުން ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، އެފަދަ ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރު ކުރުމަށް 3.9 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގަ އެވެ.

މީގެ ތެރޭގައި ކަސްޓަމްސް ޕެޓްރޯލް އުޅަނދުތަކަށް ބޭނުންވާނެ އިކުއިޕްމެންޓް ފޯރުކޮށް ދިނުމަށް 3.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.

ތަކެތި ރާއްޖެއާ ހަވާލު ކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް ޖަޕާނުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.