Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް ޒަރީރު

ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމަށް ހަސަން ޒަރީރު އައްޔަންކޮށްފި އެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗެއާޕާސަންގެ މަގާމަށް ޒަރީރު އިންތިހާބު ކުރީ އެ ބޭންކުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓީން (އީޖީއެމް) އަށްފަހު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި ކަމަށެވެ.

ޒަރީރު ވަނީ މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި ފައިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އިރު، އޭނާއަކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.

ޒަރީރު ވަނީ މާސްޓާސް އޮފް ސައިންސް، ފައިނޭންސް ހާސިލްކުރައްވައިފައެވެ. އަދި އެކައުންޓިން އިން ޑިގްރީއެއް ވެސް ހާސިލް ކުރައްވައިފަ އެވެ.

މިރޭ ބޭއްވި އީޖީއެމްގައި ޑިރެކްޓަރުންގެ ބޯޑަށް ވެސް ވަނީ މީހަކު އައްޔަންކޮށްފައެވެ. އެއީ ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދެވެ.