Last Updated: April 29, 09:25
Monday, April 29, 2024
ޚަބަރު

މަތިކިޅި އިކޯގާޑެންއަށް ވަނުމަށް ފީ އެއް ނެގުމާއި ގުޅޭގޮތުން ހިޔާލު ހޯދަނީ

މަތިކިޅި އީކޯ ގަރޑަން -- ފޮޓޯ/އެމްއީޖީ އެފްބީ

އައްޑޫސިޓީ މީދޫ މަތިކިޅި އިކޯގާޑެންއަށް ވަނުމަށް ފީ އެއް ނެގުމާއި ގުޅޭ ގޮތުން އާންމުންގެ ހިޔާލުގެ ހޯދުމަށް އައްޑޫސިޓީ ކައުންސިލުން ހުޅޫވާލައިފިއެވެ.

މީދޫ މަތިކިޅި އިކޯގާޑެންއަށް ވަނުމަށް ބޮލަކަށް ނެގުމަށް 3 އަގެއް ކައުންސިލުން ވަނީ ހުށަހަޅާފައެވެ. އެއީ ދިވެހިންނާއި ވޯކް ވިސާ ގެންގުޅޭ ފަރާތްތައް އަތުން ބޮލަކަށް 10ރ.، 12ރ. އަދި 15ރ. އެވެ. މީގެ އިތުރުން ފަތުރުވެރިން އަތުން 50ރ.، 60ރ. އަދި 70ރ. ނެގުމަށް ކައުންސިލުން ވަނީ ހުށަހަޅާފައެވެ. މި އަގުތަކުގެ ތެރެއިން އަގު ކަނޑައަޅާނީ އާންމުގެ ހިޔާލަށް ބަލައެވެ.

މީގެ އިތުރުން ޕާޓީތަކާއި ޙަފްލާތަކަަށް ތިން ގަޑިއިރަށް ކުއްޔަށް ދޫކުރުމަށްވެސް އަގު ކަނޑައެޅުމަށް ޚިޔާލު ހޯދަން ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެއީ 500ރ.، 700ރ. އަދި 800ރ. އެވެ. މިއަގަތުތަކުގެ ތެރެއިންވެސް އަގެއް ކަނޑައަޅާނީ އާންމުގެ ޚިޔާލަށް ބެލުމަށް ފަހުގައެވެ.


އައްޑޫސިޓީ ކައުންސިލުން މިކަމަށް ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހުގެ މެނދުރު 12:00 ޖެހުމާއި ހަމައަށެވެ. ހިޔާލު ހޯދުމުގެ ފޯމު އައްޑޫސިޓީ ކައުންސިލުގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ފުރާލެވޭނެއެވެ.

މީދޫ މަތިކިޅިއަށް ވަނުމަށް ފީއެއް ނަގަން ނިންމީ 2022 ވަނަ އަހަރު ޖޫން މަހު އައްޑޫސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާއެއްގައެވެ. މީދޫ އަދި ހުޅުދޫގެ މެދަށްވާ ގޮތަށް އޮންނަ މަތިކިޅި ސަރަޙައްދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ގެ ދަށުން 22 ސެޕްޓެންބަރު 2020 ގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މިތަން ބެލެހެއްޓުން އައްޑޫސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރު ޖޫން މަހުއެވެ.