Last Updated: April 29, 11:11
Monday, April 29, 2024
ޚަބަރު

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލު މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެންޓި-ޑިފެކްޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲއެވެ. މި ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 41 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށްވެސް ވަނީ ފާސްކޮށްފައެވެ. މި ބިލު ފޮނުވި 7 މެންބަރުންގެ ކޮމިޓީ:

1- ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ
2- މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން
3- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
4- ކެލާ ދާއިރާގެ މެންބަރު އިބްރާޙިމް ޝަރީފް
5- ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
6- ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ
7- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު

މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށުކައުންސިލް ތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުންކަމަށެވެ.

މި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ހުސްވާނެ ހާލަތްތަކާއި ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ ގޮނޑި ހުސްވާނެ ހާލަތްތައް ބަޔާންކޮށްފައެވެ.