Last Updated: April 29, 08:59
Monday, April 29, 2024
ޚަބަރު

ވޯޓު ދިނީ އެންމެ 2 މެންބަރުން، ރިޔާސަތުގެ ވޯޓުން ބިލު ބޭރުކޮށްފި

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ބަލައިގަތުމަށް މަޖިލީހުގައި ނެގުނު ވޯޓު-

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް އެންމެ 2 މެންބަރުން ވޯޓު ދީ އެއްވަރުވުމުން، ރިޔާސަތުން ދިން ވޯޓާއެކު ބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްފިއެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއެވެ.

މިބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހިއިރު މަޖިލީހުގެ ތަޅުމުގައި 28 މެންބަރުން ހާޒިރުވެ ތިއްބެވެ. އެހެންނަމަވެސް ބިލު ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދިނީ 1 މެންބަރެކެވެ. އަދި ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށްވެސް ވޯޓު ދެއްވީ 1 މެންބަރެކެވެ.

މި ވޯޓު އެއްވަރުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް ވޯޓު ދެއްވާފައިވަނީ ބިލު ބަލައިގަތުމާ ދެކޮޅަށެވެ.

"އަޅުގަނޑަކަށް ނޭނގެ މި ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި މިފަދަ ވޯޓެއް މިގޮތަށް ނެގުނު ކަމެއް." ސަލީމް ވިދާޅުވިއެވެ.

އެގޮތަށް ވޯޓު ދެއްވުމަށްފަހު ސަލީމް ވިދާޅުވީ، މި ގަޑީގައި ވޯޓު އޮންނާނެ ކަމަށް ތަކުރާރުކޮށް ދެންނެވި ކަމަށާއި، އެހެންނަމަވެސް މަޖިލީހުގެ ތަޅުމުގައި ސަރުކާރު ޕާޓީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ހާޒިރުވެ ނެތްކަމަށެވެ. އެހެންކަމުން ބިލުގެ މުހިންމުކަން ސަރުކާރުގެ މެމްބަރުންގެ ފަރާތުން ފެނިފައި ނުވާތީ، ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ދައުލަތުގެ ދަރަނި ކުޑަކޮށް ދައުލަތުގެ މުއްސަނދިކަން އަންނަންއޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށްޓަކައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑެއް ޤާއިމުކޮށް، އެ ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި ފަންޑާ ގުޅުންހުރި ދައުލަތުގެ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިޔަތުތައް ބަޔާންކުރުން ކަމަށެވެ.