Last Updated: April 29, 00:08
Sunday, April 28, 2024
ކުޅިވަރު

ޔޫރޯގެ ފަހު ޖާގަތައް ޖޯޖިއާ، ޕޮލެންޑް އަދި ޔުކްރޭނަށް

މިއަހަރުގެ ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖޯޖިއާ އާއި ޕޮލެންޑް އަދި ޔުކްރޭން ކޮލިފައިވެއްޖެ އެވެ.

ޔޫކްރެއިން ކޮލިފައިން ޕްލޭއޮފްގައި ރޭ ވަނީ 2-1 އިން އައިސްލެންޑް ބަލިކޮށްފަ އެވެ. ވޭލްސް އަތުން ޕޮލެންޑް ވަނީ ޕެނަލްޓީ ޖަހައިގެން، 5-4 އިން މޮޅުވެ، ޔޫރޯ އަށް ކޮލިފައިވެފަ އެވެ. ޖޯޖިއާ ޔޫރޯ އަށް ކޮލިފައިވީ ގްރީސްގެ މައްޗަށް ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ.

މިއީ ޖޯޖިއާގެ ފުޓްބޯޅަ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެގައުމު ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ޖޯޖިއާގެ ޑިނަމޯ އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، ލަނޑެއް ފެނިގެން ގޮސްފައެއް ނުވެ އެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޖޯޖިއާ އިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ގްރީސް އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ދެ ޕެނަލްޓީ އެވެ.

ޔޫރޯގައި ޖޯޖިއާ ވާދަކުރާނީ ތުރުކީ، ޕޯޗުގަލް އަދި ޗެކް ރިޕަބްލިކާ އެކު ގްރޫޕް އެފްގަ އެވެ.

ޔުކްރޭނާއި އައިސްލޭންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް ނިމުނީ އައިސްލޭންޑް ލީޑުގައި އޮވެ އެވެ. މެޗުގެ 30 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އަލްބާޓް ގުޑްމުންޑްސަން އެވެ. ނަމަވެސް މެޗުގެ 54 ވަނަ މިނިޓްގައި ވިކްޓޯ ޝީޔަންކޯފްގެ ގޯލުން ޔުކްރޭނުން ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ޔޫކްރެއިން ޔޫރޯ އަށް ގެންގޮސްދިން ލަނޑު ޖެހީ މިކައިލޯ މުޑްރިކް އެވެ.

ޔޫކްރެއިން ޔޫރޯގައި ކުޅޭނީ ގްރޫޕް އީގަ އެވެ. އެ ގްރޫޕްގައި ހިމެނެނީ، ބެލްޖިއަމް، ސްލޮވާކިއާ އަދި ރުމޭނިއާ އެވެ.

ވޭލްސް އާއި ޕޮލެންޑް ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، ލަނޑެއް ނުޖެހުމުން ދެން ޖެހީ ޕެނަލްޓީ އެވެ. ޕޮލެންޑުން ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއިރު ވޭލްސް އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ ޑެނިއަލް ޖޭމްސް ޖެހި ޕެނަލްޓީ އެވެ.

ޔޫރޯގެ ގްރޫޕް ޑީގައި ޕޮލެންޑް ވާދަކުރަން ޖެހެނީ ނެދަލެންޑްސް، ފްރާންސް އަދި އޮސްޓްރިއާއާ އެވެ.

ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށް ދާނީ ޖޫން 14 އިން ޖުލައި 14 ގެ ނިޔަލަށެވެ.