Last Updated: April 29, 00:08
Sunday, April 28, 2024
ދުނިޔެ

ހަމަލާތައް ހުއްޓައެއް ނުލި، ގާޒާގެ އިތުރު 81 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލަން އދ. ގެ ސެކިއުރިޓީ ކައުންސިލުން ގަރާރެއް ފާސްކުރުމުން ވެސް އެއަށް ބޯލެނބުމެއް ނެތި އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން އިތުރު 81 މީހަކު ޝަހީދުވެއްޖެ އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެކަނި ވެސް ދިން ހަމަލާތަކުގައި ގާޒާ އިން 81 މީހަކު ޝަހީދުވެފައިވާ ކަމަށާއި އަދި އިތުރު 93 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ގަރާރުގައި ވަނީ މި ރަމަޟާން މަހު ހަމަލާތައް ހުއްޓާލުމުގެ އިތުރަށް ރަހީނުން ދޫކުރުމަށް ވެސް ގޮވާލާފަ އެވެ. މި ގަރާރު ފުރިހަމަ އަށް ތަންފީޒު ކުރަން އިޒްރޭލަށް ގިނަ ގައުމުތަކަކުން އަންނަނީ ގޮވާލަމުންނެވެ.

މިއީ އދ. ގެ ސެކިއުރިޓީ ކައުންސިލުން ހަމަލާތައް ހުއްޓާލަން ގޮވާލާ ފާސްކުރި ފުރަތަމަ ގަރާރެވެ. މީގެކުރިން ވެސް ސެކިއުރިޓީ ކައުންސިލަށް މިފަދަ ގަރާރުތައް ހުށަހެޅި ނަމަވެސް އެ ގަރާރުތައް ފާސްވެފައި ނުވަނީ އެމެރިކާއިން ވީޓޯ ކުރާތީ އެވެ. އދ. ގެ ސަލާމަތީ ކައުންސިލުން މައްސަލައެއް ފާސްކުރުމަށް ނުވަ ވޯޓާއި ވީޓޯ ކުރުމުގެ ބާރު ލިބޭ އެމެރިކާ، ރަޝިއާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ތާއީދު ބޭނުންވާނެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 32،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.