Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ރައްޔިތުންގެ ވޯޓުން މެންބަރު ވަކިކުރެވޭނެ އިސްލާހެއް ޤާނޫނުއަސާސީއަށް

މެންބަރު ހަސަން ލަތީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދާއިރާގެ ރައްޔިތުންގެ ވޯޓަކުން މެންބަރު މަގާމުން ވަކިކުރެވޭނެ އިސްލާހެއް ޤާނޫނުއަސާސިއަށް ހުށަހަޅައިފިއެވެ.

ޤާނޫނުއަސާސީއަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ހަސަން ލަތީފް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވާނެ ހާލަތުތައް ބަޔާންކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުގައި ބުނެފައިވަނީ، ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރުމުން މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އެނޫން ސަބަބަކަށްޓަކައި ޕާޓީގެ މެންބަރުކަމުން ވަކިކުރާ ހާލަތުގައި، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަޤާމުން ވަކިކުރުމަށް ނިންމުމުންވެސް މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މީގެއިތުރުން ދާއިރާގެ ރައްޔިތުން ހުށަހަޅާ ޕެޓިޝަނަކުން، ރައްޔިތުންގެ އާންމު ވޯޓެއް ނަގައިގެންވެސް މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

"މެންބަރަކު މަގާމުން ވަކިކުރުމަށް، އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ޖުްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓު ލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމުން." ހަސަން ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ އިސްލާހެއް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން އަދި އިންތިހާބުވާ ފަރާތްތަކުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭނެ ގޮތަށް ބިލެއް ފަރުމާކޮށް "އެންޓި-ޑިފެކްޝަން ބިލު"ގެ ނަމުގައި މަޖިލީހަށްވެސް އޮތީ ހުށަހަޅާފައެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.