Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު ކަރަންޓް ބިލް

ކަރަންޓާއި ފެނުގެ ޖޫރިމަނާ މާފުވާނީ ބިލުގެ އަގު ދެއްކުމުން

ކަރަންޓު ބިލާއި ފެން ބިލު ނުދައްކާތީ އަރާފައިވާ ޖޫރިމަނާ މާފުވާނީ ހިދުމަތަށް އެރި އަގު ދެއްކުމުން ކަމަށް ޔުޓިލިޓީ ކުންފުނިތަކުން ބުނެފިއެވެ.

ޔުޓިލިޓީ ކުންފުނިތަކުން އެފަދައިން ވިދާޅުވެފައިވަނީ، އެ  ކުންފުނިތަކުގެ އިސްވެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ  ބައްދަލުވުމެއްގައެވެ.

އެމްޑަބްލިޔުއެސްސީން މާފުކުރަން ހަމަޖެހިފައިވާ ބިލްތަކާއި  ގުޅޭގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެކުންފުނިން މާފުކުރަން ހަމަޖެހިފައިވަނީ 2023 ގެ ނިޔަލަށް ނުދެއްކި ހުރި ބިލުތައް ކަމަށާއި އެއްފަހަރާ ވެސް އަދި ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

ފެނުގެ ހިދުމަތުގެ ބިލުތައް ނުދައްކާ ގާތްގަނޑަކަށް 3000 ކަސްޓަމަރުން ތިބިކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ، އެ ހިދުމަތުގެ ބިލުތަކުގެ ޖޫރިމަނާއަށް 17 މިލިއަނެއްހާ ރުފިޔާ އަރާފައިވާ ކަމަށެވެ.

ކަރަންޓް ބިލުގެ ޖޫރިމަނާ މާފުކުރުމާއި ބެހޭގޮތުން  ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ޖޫރިމަނާ މައާފްކުރުމަށް ތަންފީޒްކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެތައް ހާސް ރައްޔިތުންނަކަށް އޭގެ ލުއިފަސޭހަ ލިބިގެން ދާނެ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި، އޭޕްރީލް 1 އިން ފެށިގެން މިއަހަރު ނިމެންދެން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ސްޓެލްކޯގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ލިބޭނެއެވެ.

އާންމުން ދިރިއުޅޭ ގެތަކުގައި ކަރަންޓާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.