Last Updated: April 28, 21:57
Sunday, April 28, 2024
ޚަބަރު

އާރްޑީސީ ހިޔާނާތް: ފައްޔާޒް ފުލުހަށް ހާޒިރު ކުރަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ އިކޮނިމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ފައްޔާޒްއަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރު 03:00 އަށެވެ.

ފައްޔާޒްއަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ފުލުހަށް ހާޒިރުކުރެވެނީ އާރްޑީސީއަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރްޑީސީއާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި ކަމަށެވެ. އަދި އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރްޑީސީއިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒްއަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ޗިޓުގައި ބުނެފައިވެއެވެ.

އާރްޑީސީ ހިޔާނާތުގެ މައްސަލައިގައި ސުވާލުކުރުމަށް ފައްޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރުކުރާއިރު، މިކަމާ ގުޅިގެން ސޯޝަލްމީޑިއާގައި އޭނާ ބުނެފައިވަނީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިފައިވާ ކަމަށާއި، އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން." ފައްޔާޒް ވިދާޅުވެފައިވެއެވެ.

ފުލުހުން މީގެކުރިން ބުނީ އާރުޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު މައްސަލަ ތަހުގީގު ކުރަނީ އޭސީސީއާ ގުޅިގެން ކަމަށާއި 2022 ސެޕްޓެންބަރު މަހު ހުށަހެޅުނު މި މައްސަލާގައި އާރުޑީސީގެ ގިނަ މުވައްޒިފުންތަކެއް ބައިވެރިވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަަމަށެވެ. އެގޮތުން އާރުޑީސީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރުމަތިން 14 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ތިން މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެތައް މިލިއަން ރުފިޔާއެެއް އެހެން އެކައުންޓްތަކަށް ވެސް ފޮނުވާފައިވާ ކަމަށެވެ. މި ހިޔާނާތުގައި ގާތްގަނޑަކަށް 15 މީހަކު ބައިވެރިވާ ކަމަށް ލަފާކުރެވޭ ކަމަށާއި މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން ތަނެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ލިޔެކިޔުން ހޯދާފައިވާ ކަމަށްވެސް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.