Last Updated: April 28, 21:57
Sunday, April 28, 2024
ޚަބަރު

ފެން ބިލްތަކުގެ ޖޫރިމަނާ 17 މިލިއަންގައި

ގޭގޭގެ ފެން ބިިލުތަކުގެ ޖޫރިމަނާ 17 މިލިއަން ރުފިޔާ އަރާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު މީޑިއާއަކަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށް ދެއްވަން ނިންމެވި އިރު، މިދިޔަ އަހަރުގެ ނިޔަލަށް 3،000 އެއްހާ ކަސްޓަމަރުންނަށް ފެން ބިލުގެ ޖޫރިމަނާ ނުދައްކާ ކަމަށެވެ. އަދި އެއީ 45 މިލިއަނެއްހާ ރުފިޔާގެ ފެން ކަމަށް ވިދާޅުވި އެވެ.

އެގޮތުން ޖޫރިމަނާގެ 17 މިލިއަން ރުފިޔާ މައާފު ވާނީ އެމްޑަބްލިއުއެސްސީ އަށް ލިބެން ޖެހޭ 45 މިލިއަން ރުފިޔާ ލިބުމުން ކަމަށާއި އެކަމުން ކަސްޓަމަރުގެ އިތުރުން ކުންފުންޏަށް ވެސް ފައިދާވާނެ ކަމަށް މަތީން ވިދާޅުވި އެވެ.

ޑޮމެސްޓިކް ރޭޓުގައި ހުރި ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ރައީސް ނިންމެވުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ވެސް ކިޔައިފަ އެވެ. އަދި މިއީ ގަވާއިދުން ބިލު ދައްކާ މީހުންގެ ހައްގަށް އަރައިގަތުން ކަމަށް ވެސް ސިފަކޮށްފައިވެ އެވެ.

މަތީން ވިދާޅުވީ ނުދެއްކި ހުރި ފެން ބިލްތަކަށްވާ ފައިސާ އެކި ބަޔަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި ޖޫރިމަނާ މައާފު ކުރެވޭނީ ބިލްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށެވެ.