Last Updated: April 27, 11:49
Saturday, April 27, 2024
ޚަބަރު

މަޖިލީހުގެ ސާޖަންޓް އެޓް އާމްސްއަކަށް ތަލްހަތު

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ރިޓަޔާޑް މޭޖާ ޖެނެރަލް، ތަލްހަތު ހަސަން އައްޔަންކޮށްފި އެވެ.

އެ މަގާމު ހުސްވެފައިވާ ދޮޅު އަހަރެއްހާ ދުވަސް ފަހުން މަގާމަށް ތަލްހަތު އައްޔަންކުރަން ފާސްކުރޫ އިއްޔެ އެވެ. ތަލްހަތަކީ އެމްއެންޑީއެފްގައި 21 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެމްއެންޑިއެފްގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ 1998 ގަ އެވެ. ހިދުމަތުން އޭނާ ރިޓަޔާ ކުރެއްވީ ޖެނުއަރީ 15، 2020 ގަ އެވެ.

އެ މުއްދަތުގައި ތަލްހަތު ވަނީ ސްޕެޝަލް ޑިއުޓީ ރިބަން އެކަކާއި ދޭއްގެ އިތުރުން ޕްރެސިޑެންޝަލް ރިބަން އަދި ރިބަން އޮފް ސްކިލް ހާސިލު ކުރައްވައިފަ އެވެ.

ތޮލްހަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓެލްކޯގެ ބޯޑްގައި ވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ހަލީމެވެ. އޭނާ އެ މަގާމުން ވަކިކުރީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ކޮޓަރިކޮޅު ބަގުކޮށް ޖާސޫސު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މަޖިލީހުގެ ވޯޓަކުންނެވެ.