Last Updated: April 29, 00:08
Sunday, April 28, 2024
މުނިފޫހިފިލުވުން

"ޝައިތާން" ގެ ދެވަނަ ބައެއް ހަދަނީ

މި މަހުގެ ކުރީކޮޅު ރިލީޒްކުރޮ އަޖޭ ދޭވްގަންގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ގެ ދެވަނަ ބައެއް ހަދަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ފިލްމަށް އާންމުންގެ ފަތާރުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ، މީގެ ވާހަކަ ދަންމައިލަން ޑައިރެކްޓަރު ވިކާސް ބާލް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އެހެންވެ ދެވަނަ ބައެއްގެ ހެދުމުގެ މަޝްވަރާތައް "ޝައިތާން" ގެ ޓީމާ އެކީ ކުރިއަށްދާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

މި މަހުގެ 8 ގައި ރިލީޒްކުރި މި ފިލްމަކީ މިދިޔަ އަހަރުގެ ގުޖްރާތީ ފިލްމު "ވަޝް" ގެ ރިމޭކެކެވެ. މީގައި ދައްކުވައި ދެނީ ސިހުރާއި ހާހުރައިގެ ސަބަބުން އާއިލާއެއްގެ ތެރޭގައި ހިނގާ ހާޖާނުގަނޑެކެވެ. "ޝައިތާން" ގެ ކާސްޓްގައި އަޖޭ އާއި ޖޯތިކާގެ އިތުރުން އާރް މާދްވަން ހިމެނެ އެވެ. އަދި މި ފިލްމުގެ މައިގަނޑު އެކަކީ އަޖޭގެ ދަރިއެއްގެ ރޯލު ކުޅުނު ޖާންވީ ބޮޑިވާލާލާ އެވެ.

"ޝައިތާން" އަދިވެސް ސިނަމާތަކުގައި ދައްކަމުން އަންނަ އިރު، މި ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 187.68 ކްރޯޑް ރުޕީސް (23 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. ފިލްމު ހެދީ 65 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ވަރަށް މޮޅު އަދި އެހާމެ ކާމިޔާބު އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަޖޭގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 10 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ "މައިދާން" އެވެ.