Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ނަޝީދު އިނގިރޭސި ރަސްގެފާނާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި ކްލައިމެޓް ވަލްނަރަބަލް ފަންޑު (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނަޝީދު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފިއެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސް، ރައީސް ނަޝީދާ ބައްދަލުކުރައްވާފައިވަނީ އިއްޔެ އިނގިރޭސި ގަނޑުވަރު ބަކިންހަމް ޕެލަސްގައެވެ.

މި ބައްދަލުވުމާގުޅޭ އިތުރު އެއްވެސް ތަފުސީލެއް އިނގިރޭސި މީޑިއާއަކުން އަދި ރައީސް ނަޝީދުގެ ފަރާތްޕުޅަކުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.

އިނގިރޭސި ރަސްގެފާނު ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، ރަސްމީ މަސައްކަތްތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ. އަދި މި ބައްދަލުވުމަކީވެސް ރަސްމީ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވި ބައްދަލުވުމެއްކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައީސް ނަޝީދު އައްޔަނު ކުރައްވާފައިވަނީ ިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ސީވީއެފަކީ ރާއްޖެ ވެސް އިސްކޮށް އޮވެގެން 2009 ގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އޭގެ މެންބަރު ގައުމުތަކުގެ އަދަދު މިހާރު 55 އަށް އަރައެވެ. އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެއެވެ.