Last Updated: April 29, 10:00
Monday, April 29, 2024
ޚަބަރު

ސިފައިންނަށް ގެދޮރުވެރިކަން ޔަޤީންކޮށް ދޭނަން

ފޮޓޯ: އެމްއެންޑީއެފް

ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ސިފައިންނަށް 5 އަހަރު ތެރޭ، ގެދޮރުވެރިކަން ޔަޤީން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވީ ރޭ ކަޅުތުއްކަލާކޮށީގައި ސިފައިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ، ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސިފައިންނަކީ ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ވާއިރު، ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ހާއްސަ ކުރެވިގެން އެކަށީގެންވާ އަދަދަކަށް، އެކަން ހަމަޖެހިގެންދާ މިންވަރަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ޔަޤީން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ސިފައިން ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ކޯރ އަސާސްކަމުގައި ވާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މަތީގައި ދެމިތިބެ، އިސްލާމްދީން ހިމާޔަތްކޮށް ބަލަހައްޓާ، ފަހުރުވެރިކަމާ އެކީގައި އެ ދީން ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރުން ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވާ ދެެއްވުމަކީ އެންމެ އިސްކަމެއްގެ ގޮތުގައި ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ސިފައިންގެ އެންމެމަތީ ވެރިޔާ ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި މިހާރު ހިނގަމުންދާ ނޭދެވޭ ހުރިހާ އޮއިވަރުތަކުން ޤައުމު ސަލާމަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، ކަނޑިއާއިބަޑިއަށް ވުރެ ފިކުރީ ހަނގުރާމައިގެ މާނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި، އެއިން ކޮންމެ ކަމެއްގައި ވެސް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، ޒަމާނަށް އަންނަ ބަދަލާއެކުގައި، ކޮންމެ ސިފައިންގެ މީހަކީ ވެސް މި ވިސްނުމުގައި ޒަމާނާ އެއްގޮތަށް މިކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް، މި ޖީލު ސަލާމަތްކުރުމަށް ޓަކައި، ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމަށެވެ.