މިއަހަރު ނިމެންވާއިރަށް ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަކީ އުއްމީދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ވެލާނާ އެއާޕޯޓު އާ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް ހިނގަމުންދިޔަ ނަމަވެސް އެކަން ދިޔައީ ވަރަށް ލަސްކޮށް ކަމަށާއި އެކަން އެގޮތަށް ދިމާވީ ވަރަށް ގިނަ މައްސަލަތަކެއް ހުރުމުގެ ސަބަބުން ކަމަށާއި ވެރިކަމާ ހަވާލުވުމުގެ ކުރިން މަޝްރޫއެއް ހިނގަމުންދިޔަ ފަރާތަކާއި ހަމައެކަނި ބައްދަލުކުރީ ވެސް އާ ޓާމިނަލްގެ މަސައްކަތް ކުރަމުންދިޔަ ކުންފުންޏާއި ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިހާރު ވަރަށް ބޮޑުތަނުން ކެޗައަޕް ކުރެވި، ވަރަށް ބާރަށް ކުރިއަށް އެބަ ގެންދެވޭ. އުއްމީދަކީ މިއަހަރު ނިމެންވާއިރަށް، ޓާމިނަލްގެ މުހިއްމު މަސައްކަތްތައް ނިންމާލާފައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ އެއަރޕޯޓް ތަރައްޤީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫޢުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން އައު ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓަރމިނަލާއި، ވީއައިޕީ ބިލްޑިން އަކާއި، ކާގޯ ޓާމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔަރ ސްޓޭޝަނެއްވެސް ވަނީ ޤާއިމު ކުރެވިފަ އެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން އިންތިހާބީ ރައީސްގެ ގޮތުގައި އެއާޕޯޓު ބައްލަވާލެއްވުމަށް ވަޑައިގެން ވަނީ މިއަހަރުގެ ޕީކް ސީޒަނަށް އައު ޓާމިނަލް އޮޕަރޭޝަނަށް ގެންނަވަން ބޭނުންފުޅުވާކަން ހާމަކުރައްވާފަ އެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.