Last Updated: May 2, 19:20
Thursday, May 2, 2024
ޚަބަރު

ކުދިން ޤުރުއާނަށް ލޯބިޖައްސަން ގުރުއާން މުބާރާތްތައް މުހިއްމު

ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޚާއްޞަކޮށް ރަމަޟާންމަހުގައި ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މަރްޙޫމް އިބްތިޙާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)ގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތް 1445ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާޖިދާ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިޔަށްގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ. އަދި މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

މި ޖަލްސާގައި މި މުބާރާތުން 1ވަނަ 2ވަނަ އަދި 3ވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ޖުމްލަ 53 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން އަދި ޚާއްޞަ ކެޓަގަރީއެއްގެ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފުރުޞަތު ހުޅުވާލައިގެންނެވެ.