ޑާކް ރެއިން އެންޓަޓައިންމަންޓުންގެ "ފުރޭތަ" ގެ ފަހު ޝޯ މިރޭ އޮލިމްޕަހުގައި ދައްކާނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.
މިރޭގެ ޝޯގެ ޓިކެޓް ބޭނުންވާ ނަމަ އެ ފުރުސަތު އަދިވެސް އޮތް ކަމަށް ޑާކް ރެއިނުން ބުންޏެވެ.
ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު "ފުރޭތަ" ޕްރީމިއާކުރީ މި މަހުގެ 4 ގަ އެވެ. އަދި މި ފިލްމަކީ ރޯދަ މަހެއްގެ ތެރޭގައި އޮލިމްޕަހުގައި ފިލްމެއްގެ ޝެޑިއުލް ޝޯތަކެއް ގެންދިޔަ ފުރަތަމަ ފުރަތަމަ ފިލްމެވެ. މި މަހުގެ 11 އިން ފެށިގެން ފިލްމުގެ ޝޯތައް ދައްކަމުން އައީ ރޭގަނޑު 10:00 ގަ އެވެ.
މިރޭ "ފުރޭތަ" ގެ ވަދާއީ ޝޯ ދައްކަން ހަމަޖެހިފައިވާ އިރު، މިއީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑާކް ރެއިންގެ މި އަހަރުގެ ފުރަތަމަ ފިލްމެވެ. "ފުރޭތަ" އަކީ އަހުމަދު ތޮލާލުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް ތުރިލާއެކެވެ. މީގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އައިޝަތު އަސީލާ، ހަމްދާން ފާރޫގް، މުހައްމަދު ރިފްޝާންގެ އިތުރުން އަލީ ނަދީހު ފަދަ ތަރިން ހިމެނެ އެވެ.
އޮލިމްޕަހަށް ދެން އެންމެ އަވަހަށް އަންނަން އޮތީ އަންނަ މަހުގެ 12 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ އިޓާނަލް ޕިކްޗާސްގެ "ލަސްވިޔަސް" އެވެ.