Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ރައީސް ފުލުހުންނާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު ފުލުހުންނާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ރޭ އިސްކަންދަރު ކޮށްޓަށް ވަޑައިގެންނެވުން ގާޑް އޮފް އޮނާއެއް ވެސް އަރުވާފައިވެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާ ފުލުހުންނާ އާންމު މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

ފުލުހުންނާ މުހާތަބްކޮށް ރައީސް ދެއްކެވި ވާހަކައިގައި ދިވެހި ފުލުހުންނަށް ބޭނުންވާ ކަންކަން، ފަރުދީ ގޮތުންނާއި މުއައްސަސާއަށް މުހިންމުވާ ކަންކަމުގައި ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެއްވުން އެއީ އެންމެ އިސްކަންދެއްވާ ކަންތައްތަކަމަށް ވިދާޅުވި އެވެ. އަދި ފަރުދީ ގޮތުން އަމިއްލަ ނަފުސު ތަރައްގީކުރުމަށާއި ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ މުއައްސަސާއެއްކަން ފާގަކުރައްވައި، ކިޔެވުމަށް ފަހު ފުލުހުންގެ ޚިދުމަތާ ގުޅޭ ފަރާތްތަކާއި މިހާރު ޚިދުމަތުގައި ތިބި މުވައްޒަފުންނަށް ވެސް ކުރިއަށް ދެވޭނެ މަގު ފަހިކޮށް، ކުރިއަށް އޮތް ތަނުގައި މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އިމާރަތްތައް އަޅައި ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ދިނުމަށްޓަކައި މަަސައްކަތްތަކެއް ކުރެވިގެންދާކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފުލުހުންގެ ފަރާތުންދެވޭ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ގާތުން ލޯތްބާއެކު ދެވޭ ޚިދުމަތަކަށް ހެދުމަށް އެދިވަޑައިގެންނެވި އެވެ.