Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

އުމްރާއަށް ދާއިރު ހުއްދަ އޮންނަ ގްރޫޕެއްތޯ ކަށަވަރުކުރަން ގޮވާލައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

އުމްރާގެ އަޅުކަމަށް އަމިއްލަ ޖަމާޢަތްތައް އިޙްތިޔާރު ކުރާ ފަރާތްތަކުން އެ ގްރޫޕަކީ ހުއްދަ އޮތް ގްރޫޕެއްތޯ ކަށަވަރު ކުރުމަށް އިސްލާމިކް މިނިސްޓަރ އިލްތިމާސްކޮށްފިއެވެ.

ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރަންދާ ފަރާތްތަކުން މިކަން ކަށަވަރު ކުރުމަށް މިނިސްޓަރ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންނެވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

“އަމިއްލަ ޖަމާޢަތްތަކުގެ ހަވާލުގައި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާޢަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކުރަން. “ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ އުމްރާއަށް ދިއުމަށް ގްރޫޕަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ނުފުރިދާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގެއެވެ. މީގެ ކުރިންވެސް މިފަދަ މައްސަލަ ދިމާވެފައިވާއިރު މިނިސްޓްރީން އަބަދުވެސް އިލްތިމާސް ކުރަނީ ހުއްދަ އޮތް ފަރާތްތަކުގެ ހަވާލުގައި ވަޑައިގަތުމަށެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ޖަމާޢަތެއްތޯ ނުވަނަ ނޫންތޯ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ބެލޭނެއެވެ. އަދި އެ ލިސްޓް މިނިސްޓްރީން ގެޒެޓްވެސް ކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.