Last Updated: July 22, 13:36
Wednesday, July 22, 2026
މުނިފޫހިފިލުވުން

ކަރީނާ ކުޅޭނީ ޔާޝްގެ ދައްތަގެ ރޯލު!

މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ އާ ފިލްމު "ޓޮކްސިކް" ގައި ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރަށް ކުޅެން ލިބުނީ ޔާޝްގެ ދައްތަގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމުގެ ލީޑް ބަތަލާ އަކީ ކަރީނާ އެވެ. ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިއަދު ބުނީ "ޓޮކްސިކް" ގެ ލީޑް ބަތަލާ އަކީ ކިއާރާ އަދުވާނީ ކަމަށާއި ފިލްމުގައި ކަރީނާ ކުޅޭނީ ޔާޝްގެ ދައްތަގެ ރޯލު ކަމަށެވެ. އެކަމަކު އެއީ ފިލްމުގެ ވަރަށް ވަރުގަދަ، ބޮޑު ރޯލެއް ކަމަށް ބުންޏެވެ.

"ޓޮކްސިކް" ގެ ރޯލެއް ކަރީނާ ކުޅޭކަން ރަސްމީކޮށް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް ދެކުނުގެ ބޮޑު ފިލްމަކަށް ސޮއިކުރިކަމުގެ އިޝާރާތެއް މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިއްޔެ ރިލީޒްކުރި "ކްރޫ" ގެ ބަތަލާ ދީފައިވެ އެވެ.

މިހާރު ޝޫޓިން ފަށާފައިވާ "ޓޮކްސިކް" ގެ ޑައިރެކްޓަރަކީ ގީތޫ މޯހަންދާސް އެވެ. މީގެ ޓެގް ލައިނަކީ "އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އެވެ. "ޓޮކްސިކް" އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މީގެ ބަތަލު ޔާޝްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ކޭޖީއެފް: ޗެޕްޓާ 2" އެވެ. އެ ފިލްމުގައި ސަންޖޭ ދަތާއި ރަވީނާ ޓަންޑަން ވެސް މުހިއްމު ރޯލުތަކެއް ކުޅުނެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޓޮކްސިކް" ގެ ރޯލެއް ޝާހްރުކް ޚާނަށް ވެސް ހުށަހަޅާފައިވެ އެވެ.