Last Updated: July 22, 13:36
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ޕަތާން 2" ސިދާތު ޑައިރެކްޓެއް ނުކުރާނެ

މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ "ޕަތާން" ގެ ސީކްއެލް، ފުރަތަމަ ބައި ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓް ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ މި ފިލްމު ސިދާތު ޑައިރެކްޓް ނުކުރާ ގޮތަށް ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ނިންމީ ސްޕައި ޔުނިވާސްގެ ފިލްމުތަކުގައި ޑައިރެކްޓަރުން ރިޕީޓްނުުރަން ނިންމާފައިވާ އުސޫލުގެ ދަށުން ކަމަށެވެ.

އެގޮތުން ސިދާތުގެ ބަދަލުގައި "ޕަތާން 2" ޑައިރެކްޓްކުރާނެ މީހަކު ހޯދަން މިހާރު އަތްފުނާ އަޅަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ. މީގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އަކީ މިދިޔަ އަހަރުގެ އިންޑިއާގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.

"ޕަތާން" އަށް ފަހު ސިދާތު ގެނެސްދިން ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ގެނެސްދިން ރިތިކް ރޯޝަނާއި ދީޕިކާގެ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" އެވެ. އޭނަ ލައްވައި "ޕަތާން 2" ނަހަދަން ނިންމި އިރު، ރިތިކާއި ޓައިގާ ޝްރޮފާ އެކީ ސިދާތު 2019 ގައި ގެނެސްދިން "ވޯ" ގެ ދެވަނަ ބައިގެ ޑައިރެކްޓަރަކީ އަޔާން މުކަރްޖީ އެވެ.

ވައިއާރްއެފްފެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ސަލްމާންގެ ޓައިގާ ފްރެންޗައިޒްގެ 2012 ގެ "އޭކް ތަ ޓައިގާ" ކަބީރު ޚާން ޑައިރެކްޓްކުރި އިރު، 2017 ގެ "ޓައިގާ ޒިންދާ ހޭ ޑައިރެކްޓްކުރީ އަލީ އައްބާސް ޒަފަރެވެ. އަދި މިދިޔަ އަހަރުގެ "ޓައިގާ 3" ގެ ޑައިރެކްޓަރަކީ މަނީޝް ޝަރުމާ އެވެ.

ސްޕައި ޔުނިވާސްގެ ދަށުން ވައިއާރްއެފުން މިހާރު އަންނަނީ އާލިއާ ބަޓާ އެކީ ވެސް ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އޭގެ ޑައިރެކްޓަރަކީ ޝިވް ރަވައިލް އެވެ.