Last Updated: May 2, 10:25
Thursday, May 2, 2024
ރިޕޯޓް

ތަރާވީހު ސަޖިދައިގައި ކުރެވިދާނެ ދުއާތަކެއް

ޢާއްމު ގޮތެއްގައި އަހަރެމެންނަށް ނަމާދުގައި ކުރެވެނީ އަބަދުވެސް އެއް ދުޢާ ތަކެކެވެ. ނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ނަމާދުގެ އެކި މަޤާމުތަކުގައި ކުރުމަށް ގިނަ ދުޢާތަކެއް ރިވާވެފައިވާވެއެވެ.

މާތް ﷲ އާ އަޅާ އެންމެ ކުއްތަންވެވޭ ވަގުތަކީ އަޅާ ސަޖިދައިގައި އޮންނަ ވަގުތެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ މާނައީ: ”އަޅާ އޭނާގެ ވެރިރަސްކަލާނގެއާ އެންމެ ކުއްތަންވާ ވަގުތަކީ އޭނާ ސަޖިދައިގައި އޮންނަ ވަގުތެވެ. ފަހެ ތިޔަބައިމީހުން (ސަޖިދައިގައި) ދުޢާކުރުން ގިނަކުރާށެވެ!“ އެހެންކަމުން ސަޖިދައިގައި ކިޔުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާވެފައިވާ ބައެއް ދުޢާތައް ޙިއްޞާކޮށްލާނަމެވެ.

ޙުޛައިފަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަ ކުރައްވާ ހިނދު ވިދާޅުވެއެވެ. سُبْحَانَ رَبِّيَ الأَعْلَ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”މިއަޅާ ހައްދަވާބޮޑުކުރެއްވި މަތިވެރި ރައްބުގެ ހުސްޠާހިރު ވަންތަކަމާއެވެ.“

ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ރުކޫޢުގައާއި ސަޖިދައިގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ދުޢާކުރެއްވުން ގިނަކުރައްވައެވެ. سُبْحَانَكَ اَللَّهُمَّ رَبَّنَا وَبِحَمْدِكَ، اَللَّهُمَّ اِغْفِرْ لِي (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް) މާނައީ: ”އިބަ ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ! އޭ ﷲ! އޭ އަޅަމެންގެ ވެރިއިލާހު! އަދި ހުރިހާ ޙަމްދު ތަޢުރީފެއް އިބަ ﷲ އަށް ލިބިވޮޑިގެންވެއެވެ. އޭ ﷲ! މިއަޅާއަށް ފާފަ ފުއްސަވާނދޭވެ!“

ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރުކޫޢުގައާއި ސަޖިދައިގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާކަމުގައިވިއެވެ. سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”އެކަލާނގެ ހުރިހާ އުނި ސިފަތަކަކުން ހުސްދުރުވެވޮޑިގެންވެއެވެ. ހުރިހާ ޢައިބަކުން ހުސްޠާހިރުވެ ވޮޑިގެންވެއެވެ. އެކަލާނގެއީ މަލާއިކަތުންނާއި، ޖިބްރީލުގެ ވެރިރަސްކަލާނގެއެވެ.“

ޢަލީގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަކުރައްވާ ހިނދު ވިދާޅުވާކަމުގައިވިއެވެ. اللَّهُمَّ لَكَ سَجَدْتُ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، سَجَدَ وَجْهِي لِلَّذِي خَلَقَهُ، وَصَوَّرَهُ فَأَحْسَنَ صُورَتَهُ وَشَقَّ سَمْعَهُ وَبَصَرَهُ، فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”އޭ ﷲ! މިއަޅާ އިބަ ﷲ އަށް ސަޖިދަކޮށްފީމެވެ. އަދި މިއަޅާ އިބަ ﷲ އަށް އީމާން ވެއްޖައީމެވެ. އަދި މިއަޅާ އިބަ ﷲ އަށް ބޯލަނބައި ކިޔަމަންވެއްޖައީމެވެ. މިއަޅާގެ މޫނުހައްދަވާ އެމޫނު ބުރުސޫރަ ކުރައްވާ އެމޫނުގެ އިވުމާއި، ފެނުން ހާމަކޮށް ދެއްވި ފަރާތަށް މިއަޅާގެ މޫނު ސަޖިދަ ކޮށްފިއެވެ. ﷲ ގެ މަތިވެރި ކަމާއެވެ! އެކަލާނގެއީ އެންމެ ރިވެތިކޮށް ހައްދަވާ ޚަލްޤު ކުރައްވާ ފަރާތެވެ.“

ޢައުފް ބުނު މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގައި ވިދާޅުވާކަމުގައިވިއެވެ. سُبْحَانَ ذِي الْجَبَرُوتِ وَالْمَلَكُوتِ وَالْكِبْرِيَاءِ وَالْعَظَمَةِ ‏ (ރިވާކުރެއްވީ އަބޫދާއޫދު) މާނައީ: ”ގަދަފަދަކަމާއި، ވެރިކަމާއި، ބޮޑުކަމާއި، މަތިވެރިކަމުގެ ވެރިއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ!“

އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގައި ވިދާޅުވާކަމުގައިވިއެވެ. اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”އޭ ﷲ! މިއަޅާގެ ހުރިހާ ފާފަތަކެއް ފުއްސަވާނދޭވެ! އޭގެ ކުދިފާފަތަކާއި ބޮޑެތި ފާފަތަކެވެ. އަދި ފުރަތަމަ ފާފައާއި އެންމެ ފަހުގެ ފާފައެވެ. ފާޅުވެގެންވާ ފާފައާއި ސިއްރުވެ ވަންހަނާ ވެގެންވާ ފާފައެވެ.“

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގައި ކިޔުއްވިކަމަށް ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاَ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަ ﷲ ގެ ރުހިވޮޑިގަތުމުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲ ގެ ކޯފާއިން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަ ﷲ ގެ ޢަފޫކުރެއްވުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲ ގެ ޢުޤޫބާތުން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަ ﷲ ގެ ޙަޟްރަތުންވާ ނުރުހުމަކުން ނުވަތަ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަގެ ޙަޟްރަތަށް ދަންނަވަމެވެ. އިޝާއަށް ދަންނަވަންޖެހޭ ތަޢުރީފާއި ޘަނާ މިއަޅާއަށް ޢަދަދުނުކުރެވޭހައި ގިނައެވެ. އިބަ ﷲ އީ އިބަ ﷲ ގެ އަމިއްލަ ޒާތުފުޅަށް ޘަނާ ވަޙީކުރެއްވި ފަދައިން ޘަނާ ލިބިވޮޑިގެންވާ ފަރާތެވެ.“

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގައި ކިޔުއްވިކަމަށް ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. اللَّهُمَّ اغْفِرْ لِي مَا أَسْرَرْتُ وَمَا أَعْلَنْتُ (ރިވާކުރެއްވީ ނަސާއީ) މާނައީ: ”އޭ ﷲ! މިއަޅާ ސިއްރުގައްޔާއި ފާޅުގައި ކުޅަހައި ފާފަތަކެއް ފުއްސަވާނދޭވެ!“

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގާ ކިޔުއްވިކަމަށް ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. سُبْحَانَكَ وَبِحَمْدِكَ لاَ إِلَهَ إِلاَّ أَنْتَ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އެންމެހާ ޙައްދެއް ވަނީ އިބައިލާހަށެވެ. އިބައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ.“

މަސްދަރު: އިލްމު.އެމްވީ