ރާއްޖޭގެ "ނޮވެމްބަރު 3" އާ ގުޅުވައިގެން ހަދަން ފެށި ފިލްމުން ބޮލީވުޑްގެ ތަރި ސަލްމާން ޚާން ވަކިވެއްޖެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން "ދަ ބުލް" ގެ ނަމުގައި ގެނެސްދޭން ނިންމައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ފަހު، މިދިޔަ މަހުގެ ތެރޭގައި މަސައްކަތް މަޑުޖައްސައިލި ފިލްމުން ސަލްމާން ވަކިވީ އޭގެ މަސައްކަތް ދެން ފެށޭނެ އިރެއް ނޭނގޭތީ އޭނަގެ އެހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ބުރޫ އަޜާފައިފާނެތީ ކަމަށެވެ.
"ދަ ބުލް" އަކީ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ގެ ފަހުން ކަރަންގެ ދަރުމާ އަށް ސަލްމާން ސޮއިކުރި ފުރަތަމަ ފިލްމެވެ. މީގެ ޑައިރެކްޓަރަކީ އެ ސްޓޫޑިއޯގެ 2021 ގެ "ޝޭރުޝާ" ގެނެސްދިން ވިޝްނޫވަރުދާން އެވެ.
"ދަ ބުލް" އަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓައިލަން ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ތަމަޅައި ޓައިގަރުންގެ ބަޔަކު ގޮވައިގެން މާލެ އަރައި ދިން ދިން އުދުވާނީ ހަމަލާއާ ގުޅިގެން، އިންޑިއާ އިން ރާއްޖެ އަށް އެހީވާން "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި ހިންގި އޮޕަރޭޝަނާ ގުޅުވައިގެން ހަދަން ފެށި ފިލްމެކެވެ.
މީގައި ސަލްމާން ކުޅެން އޮތީ އެ އޮޕޭޝަންގެ ކޮމާންޑަރަކަށް ހުރި ބްރިގޭޑިއާ ފާރޫގް ބަލްސާރާގެ ރޯލެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ދަ ބުލް" ގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި މެދުކަނޑާލީ މި ފަހުން ރާއްޖެ އާއި އިންޑިއާ ދެމެދު ގުޅުން ގޯސްވުމާ ގުޅިގެންނެވެ. ހާއްސަކޮށް މިހާރުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.
"ދަ ބުލް" އިން ސަލްމާން ވަކިވެފައި ވަނީ މީގެ މަސައްކަތް ދެން ކުރިއަށް ގެންދެވޭނެ ޕްލޭނެއް އޮތް ނަމަ އެކަން އަންގައި ދިނުމަށް ކަރަން އަށް ހުށަހެޅުމަށް ފަހު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. އަދި އެފަދަ ޕްލޭނެއް ނެތް ނަމަ، "ބުލް" ގެ ބަދަލުގައި ދަރުމާ އަށް އެހެން ފިލްމެއް ކުޅެދޭން، ވަގުތު އޮތް ގޮތަކުން ސަލްމާން މަސައްކަތްކޮށް ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސަލްމާން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، "ގަޖިނީ" ގެ ޑައިރެކްޓަރު އޭއާރް މުރްގަދޯސް ހަދަން ނިންމާފައިވާ ފިލްމަކަށް ސޮއިކޮށްފަ އެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ. ބައެއް މީޑިއާތަކުން ވަނީ މި ފިލްމަކީ ސަލްމާންގެ 2014 ގެ "ކިކް" ގެ ސީކްއެލް ކަމަށް ބުނެފަ އެވެ.
އޭނަވެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޓައިގާ 3" އެވެ.