Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ރޯދަ މަހަށް ފެނާއި ކަރަންޓް ބިލް ކެޕްކޮށްފި!

މި ރޯދަ މަހު ފެނާއި ކަރަންޓް ބިލް އާންމު މަސްތަކާ އެއްވަރެއްގައި ހިފަހެއްޓުމަށް އެ ހިދުމަތްތައް ދޭ ކުންފުނިތަކަށް އަންގާފައިވާ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފި އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޯދަ މަހުގެ ޑޮމެސްޓިކް ކަރަންޓް ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، އާންމު މަހެއްގައި ހުންނަ ވަރަށް ރޯދަ މަހުގެ ކަރަންޓާއި ފެންބިލު ހުންނާނެ ގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސް ޑޜ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، މި މަހުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބިލުކުރާ އިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައި ވާނީ މިދިޔަ އަހަރުގެ ރޯދަ މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހު ކަމަށް ވެސް ރެގިއުލޭޓަރީ އޮތޯރިޓީން ބުންޏެވެ.

"މިގޮތުން ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރައްވާ އިރު މާޗް މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވްރެޖު އަދަދު ބިލުން ފެންނަ ގޮތަށް ހިމަނުއްވަން ވާނީ ހުރިހާ އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް މިއޮތޯރިޓީން އަންގާފައެވެ." ބަޔާނުގައި ބުންޏެވެ.

ރޯދަ މަހަކީ އާންމުކޮށް ފެނާއި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވާތީ، ބިލް ބޮޑުވުމުގެ ޝަކުވާ އަކީ އާންމުންގެ ބޮޑު ޝަކުވާއެކެވެ.