Last Updated: July 22, 13:36
Wednesday, July 22, 2026
މުނިފޫހިފިލުވުން

އަނިލް ހުރީ އަހަރެން ދެކެ ހިތްހަމަނުޖެހިފައި: ބޯނީ

ކޮއްކޮ އަދި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރް އުޅެނީ އޭނަ ދެކެ ވަރަށް ހިތްހަމަނުޖެހިގެން ކަމަށް ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފި އެވެ.

ފިލްމީ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި އަޖުން ކަޕޫރްގެ އިތުރުން ހުޝީ ކަޕޫރްގެ ބައްޕަ ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ބަތަލާ ސޯނަމް ކަޕޫރްގެ ބައްޕަ އޭނަ ދެކެ ރުޅި އައިސްގެން އުޅެނީ 2005 ގެ ފިލްމު "ނޯ އެންޓްރީ" ގެ ސީކްއެލް "ނޯ އެންޓްރީ މޭ އެންޓްރީ" ގެ ކާސްޓްގައި އަނިލް ނުހިމެނުން ކަމަށެވެ.

ބޯނީ ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓްކުރި ފިލްމުގެ ބަތަލުންނަކީ އަނިލް އާއި ސަލްމާން ޚާންގެ އިތުރުން ފަރުދީން ޚާނެވެ. އަދި އެ ފިލްމުގެ ބަތަލާއިންނަކީ ބިޕާޝާ ބާސޫ އާއި ލާރާ ދައްތާ އާއި އީޝާ ޑިއޯލްގެ އިތުރުން ސެލީނާ ޖެއިޓްލީ އެވެ.

މީގެ ދެވަނަ ބައި ހަދަން އުޅޭ ވާހަކަ ދެކެވެމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުން، ދާދި ފަހުން މީޑިއާތަކުން ބުނި ގޮތުގައި "ނޯ އެންޓްރީ" ގެ ސީކްއެލްގެ ބަތަލުންނަކީ އަރުޖުން އާއި ވަރޫން ދަވަންގެ އިތުރުން ދިލްޖީތު ދޮސަންޖެވެ.

"އެކަން މީޑިއާތަކުން ލީކްކުރި ހިސާބުން އަނިލް އުޅެނީ އަހަރެން ދެކެ ވަރަށް ހިތްހަމަނުޖެހިގެން،" އަނިލްގެ ދޮށީ ބޭބެ ބޯނީ ބުންޏެވެ. "އެހެންވެ އަހަރެން ވަރަށް ތަފުސީލުކޮށް ކިޔައި ވެސް ދީފިން ތަފާތު ކާސްޓަކާ އެކީ ސީކްއެލް ހަދަން ނިންމި ސަބަބުތައް."

ނަމަވެސް އޭގެ މާ ބޮޑު ތަފުސީލެއް އޭނަ ހިއްސާއެއް ނުކުރެ އެވެ. ކުރީގެ ބަތަލާ ސްރީދޭވީގެ ހުވަފަތް ފިރި، ބޯނީ ބުނި ގޮތުގައި ދެވަނަ ބަޔަށް މުޅިން ތަފާތު ކާސްޓެއް ނަގަން ނިންމީ ފިލްމުގެ ވިޔަފާރިއަށާއި މި ޒަމާނަށް ފެތޭ ކަހަލަ ފިލްމެއް ގެނެސްދޭން ބޭނުންވާތީ އެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ "ނޯ އެންޓްރީ މޭ އެންޓްރީ" ތަފާތު ކާސްޓަކާ އެކީ ހަދަން ނިންމި މައިގަނޑު ސަބަބަކީ ސަލްމާން ފިލްމަށް ގެނެވެން ނެތުމުންނެވެ. ސަލްމާނާއި ބޯނީ އަކީ ކުރިން ވަރަށް ގާތް ދެ މީހުން ކަމަށް ވިޔަސް، އެ ދެ މީހުންގެ މެދުގައި ކުރިން އޮތް ގާތްކަމެއް މިހާރަކު ނެތެވެ. އޭގެ ސަބަބެއް ކަމަށް ވަނީ ބޯނީގެ ދަރިފުޅު އަރުޖުން، ސަލްމާންގެ ކުރީގެ ފަހަރު މަލައިކާ އަރޯރާ ރައްޓެހިވެގެން އުޅޭތީ އެވެ.

އަރުޖުން އާއި މަލައިކާ ރައްޓެވީ ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާނާއި މަލައިކާގެ ކައިވެނި 2017 ގައި ރޫޅައިލި ފަހުންނެވެ.

"ނޯ އެންޓްރީ މޭ އެންޓްރީ" ގެ މަސައްކަތް ފަށާނެ އިރެއް އަދި ނޭނގެ އެވެ. އަދި މިއަށް ބަތަލާއިން ވެސް ހަމައެއްނުޖައްސަ އެވެ. ޑައިރެކްޓަރު އަނީސް މިހާރު އަންނަނީ އޭނަގެ 2022 ގެ "ބޫލް ބުލައްޔާ 2" ގެ ތިން ވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމު މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާނެ އެވެ.