ޑައިރެކްޓަރު ނިތޭޝް ތިވާރީއާ އެކީ ރަންބީރް ކަޕޫރް މަސައްކަތް ކުރަން ހަމަޖެހިފައިވާ ޓްރިލޮޖީ "ރާމާޔަން" ގެ ޝޫޓިން އަންނަ މަހު ފަށާނެ ރިޕޯޓްތައް ބުނެފި އެވެ.
މީގެ މަސައްކަތް އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް ޕިންކްވިލާ އިން ބުނީ ފިލްމުގެ ޝޫޓިން އަންނަ މަހުގެ 2 ގައި ރަސްމީކޮށް ފަށާނެ ކަމަށެވެ. އެގޮތުން މުމްބާއީގެ ފިލްމު ސިޓީގައި އެކަމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ބުންޏެވެ.
"ރާމާޔަން" އަކި އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފ ވާހަކައެކެވެ. މީގައި ރަންބީރް ކުޅޭނީ ރާމް ކިޔާ ކެރެކްޓާއެކެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި "ކޭޖީއެފް" ގެ ބަތަލު ޔާޝް ރާއި ދެކުނުގެ ބަތަލާ ސައި ޕައްލަވީ އާއި ސަނީ ޑިއޯލް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އާމިރު ޚާންގެ "ޑަންގަލް" ވެސް ގެނެސްދިން ނިތޭޝް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ބަވާލް" އެވެ. "ރާމާޔަން" އަކީ ބޮޑު ބަޖެޓަކުން، ވަރަށް ގްރޭންޑްކޮށް ހަދަން ހަމަޖެހިފައިވާ އެއްޗެކެވެ.
ރަންބީރްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓްތަކުގެ ތެރޭގައި ހިމެނޭ "އެނިމަލް" އެވެ. އޭނަ ސޮއިކޮށްފައި އޮތް އަނެއް ފިލްމަކީ އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލާ އެކީ ކުޅެން ހަމަޖެހިފައިވާ "ލަވް އެންޑް ވޯ" އެވެ. ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ މި ފިލްމު އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރާނެ އެވެ.