Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ގަން އެއާޕޯޓް މުވައްޒަފުން ހަޅުތާލުކޮށްފި

ސާވިސް އެލަވަންސް މައްސަލާގައި މުވައްޒަފުން އިއްޔެ ހަޅުތާލު ކުރަނީ.

ގަން އެއަޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާވިސް އެލަވަންސް ކަނޑާލި ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެން، އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ހަޅުތާލުކޮށްފި އެވެ.

އެއާޕޯޓްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން އެއާޕޯޓް އޮފީސް ކުރިމަތީގައި ކުރި ހަޅުތާލަކީ ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ މާލީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ މި މަހުން ފެށިގެެން އެ މީހުންގެ ސާވިސް އެލަވަންސް އުނިކުރުމާ ކުރާ ހަޅުތާލެއް ކަމަށެވެ.

މުވައްޒަފުން ބުނީ ކަމުގެ ތަޖުރިބާ އާއި ފަންނީ މީހުން ނެތުމުން ކުންފުނި ހިންގުމުގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި މުވައްޒަފުންނާ ދޭތެރޭ ކަންތައްތައް ކުރަމުން ދަނީ ވަރަށް އިހާނެތިކޮށް ކަމަށް ހަޅުތާލު ކުރި މުވައްޒަފުން ބުންޏެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ އަސާސީ މުސާރައިގެ އިތުރަށް އިތުރަށް ކުރިން ދެމުން ގެންދިޔަ ސާވިސް އެލަވަންސް ކުއްލި ގޮތަކަށް ނުދޭން ނިންމައި، އެ ބައި މުސާރައިގެ ތެރެއަށް ލާން ނިންމިކަން އެންގީމަ،" މުވައްޒަފަކު ބުންޏެވެ.

މުވައްޒަފުން ބުނީ އެގޮތަށް ބަދަލު ގެނައުމުން މުވައްޒަފުންގެ މުސާރަ އަށް އިތުރުވުމެއް ނައިސް، އަތުން ކެނޑޭ އެއްޗެއް އިތުރުވާ ކަމަށެވެ. އަދި ކުރިން އޯޓީ ދެމުން ދިޔަ ގޮތަށް ވެސް ބަދަލުތަކެއް ގެނެސްފައިވާތީ، އޭގެ ސަބަބުން ވެސް މުވައްޒަފުންނަށް ލިބޭ އެއްޗެއް މަދުވާނެ ކަމަށް ބުންޏެވެ.

"ތަކެތީގެ އަގުތައް އެއް ދުވަހުން އަނެއް ދުވަހަށް މަތި ވަނީ. ގިނަ މީހުންނަކީ އެކިއެކި ކަންކަމަށް ލޯން ނަގާފައި ތިބި މީހުން. ކަރަންޓާއި އެ ނޫން ވެސް ހިދުމަތްތަކުގެ އަގުތައް މި ދަނީ އުފުލެމުން،" މުވައްޒަފަކު ބުންޏެވެ. "އެކަމަކު ނުލިބޭ ވަރަކަށް އަޅުގަނޑުމެން އެބަ ޖެހޭ ހަރަދު ކުރަން. މިކަމާ އެއްވެސް ފަރާތަކުން ވިސްނައެއް ނުލާ. އެވަރު ނުވެގެން ލިބޭ އެތިކޮޅު ވެސް ހިތަށް އެރީމަ މި ކަނޑާލަނީ."

HKJL

އޭއައިއޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވީ އެއާޕޯޓްގެ މުވައްޒަފުންނަށް ދެމުން ގެންދިޔަ އެއްވެސް އެލަވަންސެއް އުނި ނުކުރާ ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުންފުނިން ގެނައި ބަދަލަކީ މުސާރައިގެ އޮނިގަނޑެއް ތައްޔާރުކޮށް، އެކަން މުވައްޒަފުންނަށް އެންގުން ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިން ކުންފުނީގައި މުސާރައިގެ އޮނިގަނޑެއް ހެދިފައެއް ނެތް ކަމަށެވެ.

"އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އަޅުގަނޑުމެން މި ކުރި ކަމަކީ މުސާރައިގެ އޮނިގަނޑެއް ހަދައި، އެކަން މުވައްޒަފުންނާ ހިއްސާ ކުރީ،" އޭނާ ވިދާޅުވި އެވެ. "އެ އޮނިގަނޑުގެ ދަށުން މި ގެނައި ބަދަލަކީ ސާވިސް އެލަވަންސްގެ ނަމުގައި ދިން އެލަވަންސް މުސާރައިގެ ތެރެއަށް ލައި، އެއީ މުސާރައިގެ ބައެއްގެ ގޮތުގައި ހަމަޖެއްސީ."

"އެހެންވީމާ ސާވިސް ކަނޑާލީކީ ނޫން. މި ގެނައި ބަދަލާ ގުޅިގެން އަޅުގަނޑު ވަރަށް ބޮޑު ގެރެންޓީއެއް ދެން އެއްވެސް މުވައްޒަފަކު ގެއަށް ގެންދަން ލިބޭ ފައިސާ އިން އެއްވެސް ވަރެއް އުނި ނުވާނެކަން،" އިބްތިޝާމާ ވިދާޅުވި އެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން މުވައްޒަފުންނަށް ކުންފުނިން ފޮނުވި ސިޓީގައިވާ ގޮތުން ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި 60ރ. އާއި ދަތުރު އެލަވަންސްގެ ގޮތުގައި މަަހަކު 450ރ. ލިބޭނެ އެވެ. އަދި ރަމަޟާން މަހުގެ އެލަވަންސްގެ ގޮތުގައި މުސާރައިގެ ތިންބައި ކުޅަ އެއްބައި ލިބޭނެ އެވެ. އެއީ ގިނަވެގެން 10،000ރ. އަދި ދަށްވެގެން 2،000ރ. އެވެ.

HKHJ (3)

މީގެ އިތުރުން އިތުރު ގަޑީގެ ފައިސާ ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ އާއި ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން، މުސާރަ އިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔަށްވާ ފައިސާ އަލަށް އެކުލަވާލި މުސާރައިގެ އޮނިގަނޑުގައި ލިބޭ ގޮތަށް ހިމަނާފައިވެ އެވެ.

HKHJ (1)

އިބްތިޝާމާ ވިދާޅުވީ ކުރިން އޯޓީ ހަމަޖެހިފައި އޮތް ގޮތުން ވެސް އެކަމަށް ވަރަށް ބޮޑު އެއްޗެއް ކުންފުނިން ހޭދަ ކުރަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް އޯޓީ ދޭ އުސޫލަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އޯޓީގެ ގޮތުގައި 300-500 އާ ދެމެދުގެ އަދަދެއް މުވައްޒަފުންނަށް ލިބޭނެ ކަމަށް އިބްތިޝާމާ ވިދާޅުވި އެވެ. އެހެންވީމާ އެއީ ވެސް މުސާރަ އައި ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

35b77be0e3998b71b7e26e33ae63bfa91f189bb914aaeaca0cc28c7d192dd3b4

އޭނާ ވިދާޅުވީ ކުންފުނިން މަސައްކަތް މި ކުރަނީ މުވައްޒަފުންނަށް ރަނގަޅު ވާނެ ގޮތްތަކެއް ހަމަޖަައްސައި ދޭން ކަމަށެވެ.

"މީގައި މި ދިމާވެގެން މި އުޅެނީ މިސްއަންޑަސްޓޭންޑިންއެެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އިބްތިޝާމާ ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެން މުވައްޒަފުންނަށް ވާނުވާ ވަރަށް ރަނގަޅަށް ސާފުކޮސް ދެމުން ގޮސްފައި ވާނީ."

މުވައްޒަފުން މިއަދު ކުރި ހަޅުތާލާ ގުޅިގެން އޭއައިއޭ އިން މިހާރު ނިންމާފައި ވަނީ ކުރިން ވެސް މުސާރަ ދެމުން އައި އުސޫލުން މުސާރަ ދިނުމަށެވެ. އެކަން މިއަދު ހަޅުތާލަށް ނިކުތް މުވައްޒަފުންނާ ވަނީ ހިއްސާކޮށްފަ އެވެ.