Last Updated: July 22, 13:36
Wednesday, July 22, 2026
މުނިފޫހިފިލުވުން

މި ތިން އެކްޓަރުންނާ އެކީ 10 ބަތަލާއިން

"ނޯ އެންޓްރީ" ގެ ސީކްއެލްގައި 10 ބަތަލާއިން ހިމެނޭނެ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފި އެވެ.

ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ 2005 ގެ "ނޯ އެންޓްރީ" ގެ ސީކްއެލް "ނޯ އެންޓްރީ މޭ އެންޓްރީ" މުޅިން ތަފާތު ކާސްޓަކާ އެކީ ހަދަން ނިންމާފައިވާ އިރު، ފިލްމުގެ ތިން އެކްޓަރުންނާ އެކީ 10 ބަތަލާއިން ފެންނާނެ ކަމަށެވެ. އެގޮތުން މިހާރު ބަތަލާއިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބޯނީ ބުންޏެވެ.

ދެވަނަ ބައިގެ ބަތަލުންނަކީ ބޯނީގެ ދަރިފުޅު އަރުޖުން ކަޕޫރްގެ އިތުރުން ވަރޫން ދަވަނާއި ދިލްޖީތު ދޮސަންޖެވެ. މިއިން ކޮންމެ އެކްޓަރެއްގެ ޑަބަލް ރޯލު "ނޯ އެންޓްރީ މޭ އެންޓްރީ" ގައި ހިމެނޭނެ ކަމަށް ވެސް އޭނަ ބުންޏެވެ.

"ޕްލޭންކޮށްފައި އޮތް ގޮތުން ފިލްމުގެ ޝޫޓިން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ،" ބޯނީ ބުންޏެވެ. "އަހަރެމެން މިހާރު މި އަންނަނީ ފިލްމަށް ބަތަލާއިން ހޯދަމުން."

ދެވަނަ ބައި ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ވެސް އަނީސް ބަޒްމީ އެވެ. "ނޯ އެންޓްރީ" ގެ ކާސްޓްގައި ހިމެނުނީ އަނިލް ކަޕޫރާއި ސަލްމާން ޚާނާއި ފަރުދީން ޚާނާއި ބިޕާޝާ ބާސޫ އާއި ލާރާ ދައްތާ އާއި އީޝާ ޑިއޯލްގެ އިތުރުން ސެލީނާ ޖެއިޓްލީ އެވެ.

އަނީސް މިހާރު އަންނަނީ އޭނަ 2022 ގައި ކާތިކް އާރިއަނާ އެކީ ގެނެސްދިން ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ތިން ވަނަ ބައިގެ ހަދަމުންނެވެ. މި ފިލްމު މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާނެ އެވެ.