Last Updated: May 2, 06:02
Thursday, May 2, 2024
ރިޕޯޓް

ޚިޔާލުތަކާއި ދުލުގެ ހަރަކާތްތައް ޙިސާބުކުރުން

އިންސާނާއަށް ކާމިޔާބާއި ބާއްޖަވެރިކަން ލިބެންއޮތީ އޭނާގެ ނަފްސުކިޔަމަންކޮށްގެންނެވެ. އަދި ބަސްތަކާއި ޢަމަލުތަކުގެ ކުދި ބޮޑު އެންމެހާ ކަންކަން ޙިސާބުކޮށް އެކަންކަން ބެލެހެއްޓިގެންނެވެ. އޭނާގެ ނަފްސު ޙިސާބުކޮށް، އޭނާގެ ބަސްތަކާއި ޢަމަލުތަކާ އަދި ޚިޔާލުތަކާ މެދު ރައްކާތެރިވެ، ﷲ ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާފަދައިން ކަންތައްކޮށްފިމީހާ ދަންނައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކުން އެމީހާއަށް ނަސީބު ލިބިއްޖެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى [40] فَإِنَّ الْجَنَّةَ هِيَ الْمَأْوَى [41]﴾ [النازعات: 40، 41]

މާނައީ: “އަދި އެމީހާގެ ވެރިރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! [40] ފަހެ، ހަމަކަށަވަރުން އެމީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ.[41]”

އަދި ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ﴾ [الحشر: 18]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

އަދި ވަޙީކުރެއްވިއެވެ.

﴿إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُمْ مُبْصِرُونَ﴾ [الأعراف: 201]

މާނައީ: “ހަމަކަށަވަރުން ތަޤުވާވެރިވި މީހުންގައި ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެބައިމީހުން (ﷲ) ހަނދުމަކުރެއެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެބައިމީހުންވެއެވެ.”

ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ.

“ތިޔަބައިމީހުންގެ ޙިސާބު ބެއްލެވުމުގެ ކުރިން ތިޔަބައިމީހުންގެ ނަފްސުތައް ޙިސާބުކުރާށެވެ. އަދި އެނަފްސުތައް ވަޒަންކުރެވުމުގެ ކުރިން ވަޒަންކުރާށެވެ. އަދި (ޤިޔާމަތްދުވަހުގެ) ބޮޑުވެގެންވާ ހުށަހަޅާލުމަށް ތައްޔާރުވާށެވެ.”

މުއުމިނަކު، އޭނާގެ ނަފްސު ޙިސާބުކުރެއެވެ. އަދި އެންމެ ރަނގަޅު ޙާލަތުގައި އޭނާގެ ނަފްސު ބަހައްޓައެވެ. ފަހެ، އޭނާގެ ޢަމަލުތަކުގެ މައްޗަށް ނަފްސު ޙިސާބުކުރެއެވެ. ފަހެ، ފުރިހަމަ އިޚްލާޞްތެރިކަން ހޯދުމަށްޓަކައި އަޅުކަންތަކާއި ކިޔަމަންތެރިކަން އަދާކުރުމުގައި ގަދައަޅާ މަސައްކަތްކުރެއެވެ. އޭނާ ބިދުޢަތަކާއި ދެއްކުންތެރިކަމުން އޭނާގެ ނަފްސު ސަލާމަތްކުރެއެވެ. އަދި ކުރާ ޢަމަލުތަކުގައި އަމިއްލަ ނަފްސު ފެނުމުންވެސްމެއެވެ. އޭނާގެ ޢަމަލުތަކުން އޭނާ އެދޭނީ ﷲ ގެ ވަޖުހުފުޅާއި އާޚިރަތުގެ ގޯއްޗެވެ.

ބަސްބުނުމާ ވާހަކަ ދެއްކުމުގައި ނަފްސު ޙިސާބުކުރާށެވެ. ބާޠިލު ވާހަކަތައް ދުލުން ނުދައްކާށެވެ. އަދި ޙަރާމް ލަފްޒުތައް ނުބުނާށެވެ. ތިބާގެ ދުލުން ބުނާ ކޮންމެ ބަހަކާ، ތިބާކުރާ ކޮންމެ ޢަމަލެއް ލިޔުއްވަން ހަވާލުކުރައްވާފައިވާ ދެމަލާއިކަތުންތިއްބެވިކަން ހަނދާނުގައި ބަހައްޓާށެވެ. ފަހެ، އެކަންކަމަށް ޘަވާބާއި ޢަޛާބުދެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَإِنَّ عَلَيْكُمْ لَحَافِظِينَ [10] كِرَامًا كَاتِبِينَ [11] يَعْلَمُونَ مَا تَفْعَلُونَ [12]﴾ [الانفطار: 10- 12]

މާނައީ: “އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. [10] (އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ. [11] ތިޔަބައިމީހުން ކުރާ ކަންތައް އެމަލާއިކަތުން ދެނެވަޑައިގެންވެއެވެ. [12]”

ނަފްސު ޙިސާބުކޮށް އެކަމުގައި ގަދައަޅާ މަސައްކަތްކުރާމީހާ ދަންނައެވެ. އޭނާގެ ހެޔޮ ކަންތައްތައް ގިނަވެ ނުބައި ކަންތައްތައް މަދުވާނެއެވެ. އަދި އޭނާ ދުނިޔެއިން ނުކުންނަހުށީ ޙަމްދުކުރަމުންނެވެ. އަދި އޭނާ އަލުން ދިރުއްވޭހުށީ ބާއްޖަވެރި ކަމުގައެވެ. އަދި އޭނާވާހުށީ އެކަމުގެ މައްޗަށް ހެކިވެވަޑައިގަތުމަށް ފޮނުއްވުނު ނަބިއްޔާ عليه الصلاة والسلام އާއެކުއެވެ. އަދި ހަވާނަފްސަށް ތަބާވެ، ޤުރުއާނުން މޫނު އަނބުރާލާ، އޭނާގެ ނަފްސު އެދޭ ކަންކަމަށް އަރައިގަނެ، ޝަހުވަތްތަކުގެ ލައްޒަތު ލިބިގަނެ، ބޮޑެތި ފާފަތަކަށް އަރައިގަނެ، އަދި ޝައިޠާނާއަކީ އޭނާއަށް ބޮޑުވެގެންވާ ނުބައިކަންކަމަށް މަގުދައްކައިދޭ ޤާއިދަކަށް ހަދައިފިމީހާ ދަންނައެވެ. އޭނާވާނީ ޝައިޠާނާއާއެކު އަބަދުގެ އަބަދަށް ވޭންދެނިވި އަޛާބުގައެވެ.

މަސްދަރު: އިލްމު.އެމްވީ