Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ތިނަދޫ ސިޓީއަކަށްވީ އެމްޑީޕީގެ ސަބަބުން

ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ލިބުނީ އެމްޑީޕީގެ ސަބަބުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން ތިނަދު އަށް ސިޓީއެއްފެ ދަރަޖަ ދީފައި ވަނިކޮށް މި ސަރުކާރުން އެކަމާ ގާނޫނީ ސުވާލުތަކެއް އުފެއްދުމަށް ފަހު، މިހާރު ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ އެކަމާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ ސަރުކާރުގައި ތިނަދު އަކީ ސިޓީއެއް ކަމަށް ކަނޑައަޅާފައި ވަނިކޮށް އެކަން ހުއްޓުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކަމަށެވެ.

އަދި އެ ރަށަށް ލިބެން ޖެހޭ ސިޓީއެއްގެ ދަރަޖަ ރައީސް ޑރ. މުޢިއްޒު އޮތީ ހިފަހައްޓާފައި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ އެކަން އެހެން އޮއްވައި، ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅިގެން ދިޔައީ، އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މަސައްކަތްކޮށްގެން ކަމަށެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ތިނަދު އަކީ ސިޓީއެއް ކަމަށް ކުރީގެ ރައީސް ސޯލިހު ކަނޑައެޅުއްވި ކަނޑައެޅުއްވުން ރައީސް މުއިއްޒުގެ ސަރުކާރުން ހިފަހައްޓާފައި ވަނީ ތިނަދޫ ސިޓީއަށް ލިބެން އޮތް ކުރިއެރުމަށް ހުރަސްއެޅުމަށް ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށި ފަހުން ސިޓީއެއްގެ ދަރަޖަ ދެވިފައި ވަނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރުތަކުގައި އެކަނި ކަމަށެވެ. އެގޮތުން އައްޑު އަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ފަހަރު ވެސް އެމްޑީޕީއާ ދެކޮޅު ސިޔާސީ ފިކުރުތައް ތިބީ ސިޓީއެއްގެ ދަރަޖަ އައްޑު ނުދޭން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.