Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މިފްކޯފެ ސީއީއޯގެ ސަސްޕެންޝަން އިތުރުކޮށްފި

މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހްމަދު ޝަމާހުގެ ސަސްޕެންޝަނުގެ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އޭނަ އަށް ފޮނުވި ސިޓީއެއްގައި ބުނީ ސަސްޕެންޑް ކުރަން މި މަހުގެ 18 ގައި ދިން މުއްދަތު މިއަދަށް ހަމަވާތީ އަންނަ މަހުގެ 21 ގެ ނިޔަލަށް ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ޝަމާހު ސަސްޕެންޑްކުރީ މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށެވެ. އަދި އޭނަ ސަސްޕެންޑްކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ.

އޭނަގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް އާއިލީ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. ޝަމާހު ސަސްޕެންޑްކުރި މައްސަލައިގައި މަޖިލީހުގެ އެސްއޯއީ ކޮމިޓީން ޕީސީބީ ވެސް ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު އެ ތުހުމަތުތައް ދޮގުކުރައްވާފައިވެ އެވެ.