Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ޓުއަރިޒަމާއި އެމްއެމްޕީއާރްސީން އައްޑޫގައި ބައްދަލުވުންތަކެއް

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން އައްޑޫގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ބައްދަލުވުންތަކެއް ބާއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުންތަކާއި ބެހޭ މަޢުލޫމާތު ހިއްސާކޮށް އެމްއެމްޕީއާރްސީން ބުނީ، ޓުއަރިޒަމް މިނިސްޓްރީއާއި އެެމްޕީއާރްސީ ގުޅިގެން ބާއްވާ ބައްދަލުވުންތަކަކީ ސައުތު ރީޖަން ސިމްޕޯޒިމްގެ ކުރިން ބާއްވާ ޕްރެލިމިނަރީ ބައްދަލުވުންތަކެއް ކަމަށެވެ. އެގޮތުން މި ބައްދަލުވުންތަކުގެ އެއް ބޭނުމަކީ ގުޅުންތައް ބަދަހިކޮށް ކުރުން ކަމަށް ވިދާޅުވިއެވެ. އަދި އައްޑޫއަށް ހާއްސަކޮށްގެން ކުރިއަށް ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެޕްރީލް މަހުގެ 3 އަދި 4 ވަނަ ދުވަހު ބާއްވާ ބައްދަލުވުންތަކުގެ ތެރޭގައި މިއަންނަ މަހުގެ 3 ވަނަ ދުވަހު ސައުތް ޕާމް ރިސޯޓުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިސް ފަރާތްތަކަށް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެދުވަހު ސައުތު ޕާމް ރިސޯޓުގައި ސައުތު ރީޖަން ސިމްޕޯޒިއަމް އާއި ގުޅޭގޮތުން އައްޑޫގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން އާއި ޓުއަރިޒަމް މިނިސްޓަރ ފައިސަލް އިބްރާހިމް އާއި އެކު ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީޤް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި އޭގެ ފަހުން މީދޫ ރައްޔިތުންނާއިވެސް ބައްދަލު ކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން 4 ވަނަ ދުވަހު މަރަދޫ އަދި ފޭދޫގެ ރައްޔިތުންނާއި ބައްދަލު ކުރާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލާއި، އައްޑޫގެ ފަތުރުވެރިކަމަށް ބިން ނަގާފައިވާ ފަރާތްތަކާއި އަދި ސަރުކާރުގެ ފަރާތުން އައްޑޫއިން މަޖިލީހަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި ވެސް ބައްދަލު ކުރުމަށް ވަނީ ރޭވިފައެވެ.

ސަރުކާރުގެ ފަރާތުން އައްޑޫއަށް ހާއްސަކޮށްގެން އައްސޭރި ޓުއަރިޒަމް ނަމުގައި ބިޔަ މަޝްރޫޢެއް ވަނީ ލޯންޗުކޮށްފައެވެ. މިމަޝްރޫޢުގެ ތެރެއިން އައްޑޫގައި 6000 އެނދު ތަރައްޤީކޮށް އައްޑޫގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. އަދި މިމަޝްރޫޢު ނިމިގެންދާއިރު 10،000 ވަޒީފާ އުފެދިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.