Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އިސްވެރިންނާ އެކީ ވިޔަފާރީގެ މުއާމަލާތްތައް މަނާ

ދައުލަތުގެ އޮފީސްތަކުގެ ފައިސާއާ ބެހޭ އިސްވެރިންނާއި އެ މީހުންނާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުންހުރި މީހުންނާއެކު ދައުލަތުން ވިޔަފާރީގެ މުއާމަލާތްތައް ކުރުން މަނާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އެ އުސޫލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންނާ ގުޅުންހުރި މީހުންނާ އެކު ވިޔަފާރިކުރާ ނަމަ އެކަމަށް ހުއްދަ ނަގަން ޖެހޭނެ އެވެ.

ދައުލަތުގެ އޮފީސްތަކުގެ ފައިސާއާބެހޭ އިސްވެރިންނާއި ޕްރޮކިއުމެންޓާ ބެހޭ އިސްވެރިންނާއި މާލީ ޒިންމާދާރު ވެރިޔާގެ އިތުރުން ސެކްރެޓަރީ ޖެނެރަލާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް އެއްވެސް ފަރާތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް އެ އޮފީހަކުން ކުރުމަކީ މަނާ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ކުއްލި ހާލަތެއްގައި އެފަދަ ކަމަކަށް ހުއްދަ ދެވިދާނެ ކަމަށް އެ އުސޫލުގައި ބުންޏެވެ. މިނިސްޓްރީން ބުނީ އެގޮތަށް ހުއްދަ ދިނުމުގައި ވަކި ހާއްސަ ކަންކަމަށް ބަލާނެ ކަމަށާއި، އެކަމުގެ ރެކޯޑް ގަވާއިދުން ބަލަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެއީ ވަގުތީ ހުއްދައެއް ކަމަށް ވެސް ބުންޏެވެ.

އުސޫލުގައިވާ ގޮތުން އާއިލީ ގޮތުން ގުޅިފައިވާ ކަމަށް ބެލުމަށް ކަނޑައެޅުމަށް ނިންމާފައި ވަނީ މައިންބަަފައިންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދަރިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަފާ ނުވަތަ އެއްބަނޑު މީހުންގެ އިތުރުން ދޮންދަރިންނާއި ކައިވެނިކޮށްގެން އުޅޭ މީހުންގެ އާއިލާ މީހުންނެވެ.

އެ އުސޫލުގައި ބުނީ ދައުލަތުގެ މުވައްޒަފަކަށް މުސާރައެއް ނުވަތަ އުޖޫރައެއް ދޭ ނަމަ އެއީ ވެސް ގުޅުން އޮތް ފަރާތެއް ކަމަށް ބެލެވޭނެ ކަމަށެވެ.

މި އުސޫލާ ގަހިލާފަށް އަމަލުކޮށްފި ނަމަ މާލިއްޔަތު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.