ޑައިރެކްޓަރު ވިޝާލް ބަރަދްވާޖާ އެކީ ކާތިކް އާރިއަން މަސައްކަތް ކުރަން ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ "އަރުޖުން އުސްތާރާ" ކަމަށާއި މީގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ މި އަހަރުގެ ޖޫންގައި ރިލީޒްކުރަން ހަމަޖެހިފައިވާ ކާތިކްގެ "ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމަކީ 150 ކްރޯޑް ރުޕީސް (18 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ.
ބޮޑު ބައި ސްޕެއިނާއި ގްރީސްގައި ޝޫޓްކުރަން ހަމަޖެހިފައިވާ "އަރުޖުން އުސްތާރާ" އަށް ވަރަށް އަވަހަށް އޭ-ލިސްޓް ބަތަލާއަކު ވެސް ހަމަޖައްސާނެ ކަމަށް ހަންގާމާ އިން ބުންޏެވެ. މި ފިލްމަކީ ވިޝާލާ އެކީ ކާތިކް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
ކާތިކް މިހާރު އަންނަނީ މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ބޫލް ބުލައްޔާ 3" ގެ މަސައްކަތް ކުރަމުންނެވެ. އަނީސް ބަޒްމީ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ޝެޑިއުލް މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.