Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ޑްރައިވަރުން ތަފާތު އަގުތައް ނަގާ މައްސަލަ ހައްލު ކުރަނީ

މާލޭގައި ޓެކްސީ ޑްރައިވަރުން އެކި އަގުތައް ނަގާ މައްސަލަ ބޮޑުވެފައިވާތީ އެކަން ރިޕޯޓް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ ޑްރައިވަރުން ހިތަށް އެރި އަގެއް ނަގަމުންދާކަމުގެ ޝަކުވާ ލިބިފައިވާތީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އާ ގުޅިގެން ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ސިސްޓަމް ތައާރަފުވުމުން އެއާޕޯޓް ޓެކްސީ ކިޔުގައި ޖަހަންވީ ބޯޑާއި ދަތުރުތަކުގެ އަގުތައް ވެސް ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ޓެކްސީތަކުން ރަސްމީ އަގު ނޫން އަގެއް ނަގާ ނަމަ، ކިއުއާރު ކޯޑެއް ބޭނުންކޮށްގެން ރިޕޯޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.

ޓެކްސީތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ އަގުތަކަކީ މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 100ރ، މާލެ އިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 85ރ، މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް 70ރ، އާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއާޕޯޓަށް 80ރ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 85ރ. އެވެ.