ޝާހްރުކް ޚާންގެ "ޕަތާން 2" ޑައިރެކްޓްކުރާނީ ކަބީރް ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވާހަކައެއް ދެކެވެން ފެށީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަސް މިދިޔަ އަހަރު ގެނެސްދިން "ޕަތާން" ގެ ދެވަނަ ބައި ޑައިރެކްޓްކުރާނީ ސިދާތު އާނަންދު ނޫން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އެގޮތަށް ނިންމީ ސްޕައި ޔުނިވާސްގެ އެއް ފިލްމުތަކެއްގައި ޑައިރެކްޓަރުން ރިޕީޓް ނުކުރަން ނިންމާފައިވާ އުސޫލުގެ ދަށުން ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ ކަބީރަކީ ސްޕައި ޔުނިވާސްގެ ފުރަތަމަ ފިލްމު ކަމަށްވާ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ 2012 ގެ "އޭކް ތަ ޓައިގާ" ގެ ޑައިރެކްޓަރުކަމެވެ. އޭގެ ދެވަނަ ބައި "ޓައިގާ ޒިންދާ ހޭ" 2017 ގައި ގެނެސްދިނީ އަލީ އައްބާސް ޒަފަރެވެ. އަދި މިދިޔަ އަހަރު "ޓައިގާ 3" ގެނެސްދިނީ މަނީޝް ޝަރުމާ އެވެ.

"ޕަތާން 2" ގެ ޑައިރެކްޓްކުރާނީ ކަބީރް ކަމަށް ވާހަކަ ދެކެވެމުން އަންނަ އިރު، މިކަން އަދި ވައިއާރްއެފުން ކަށަވަރުކޮށެއް ނުދެ އެވެ. ކަބީރު ޑައިރެކްޓްކުރި އެ ސްޓޫޑިއޯގެ ފިލްމުތަކުގެ ތެރޭގައި "ކާބުލް އެކްސްޕްރެސް" އާއި "ނިއު ޔޯކް" ވެސް ހިމެނެ އެވެ.
އޭނަ އަދި މިހާތަނަށް ޝާހްރުކާ އެކީ ފިލްމެއް ނަހަދަ އެވެ. އެކަމަކު ސަލްމާނާ އެކީ 2017 ގައި ގައި ގެނެސްދިން "ޓިއުބްލައިޓް" ގެ ލަަވެއެއްގެ ހާއްސަ ފެނިލުމެއްގައި ޝާހްރުކް ހިމެނެ އެވެ.
ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ 2021 ގައި ގެނެސްދިން ރަންވީރު ސިންގްގެ "83" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޖޫންގައި ގެނެސްދޭ ކާތިކް އާރިއަންގެ "ޗަންދޫ ޗެމްޕިއަން" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޕަތާން 2" ގެ ޝޫޓިން ފަށާނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.