Last Updated: July 22, 13:36
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ސްޓޫޑެންޓް އޮފް ދި އިޔާ 3" އަށް ތައްޔާރުވެއްޖެ

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ ތިން ވަނަ ބައި ހަދާނީ ވެބް ސީރީޒެއްގެ ގޮތުގައިކަން ކަށަވަރުކޮށް ދީފި އެވެ.

ސިނެވެސްޗާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ސީއައިއެފްއެފް) ގައި ކަރަން ބުނީ އޭގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށާއި ސީރީޒް ޑައިރެކްޓްކުރާނީ ރީމާ މާޔާ ކަމަށެވެ. އޭނަ އަކީ "ނޮކްޓާނަލް ބާގާ" ގެނެސްދިން ޑައިރެކްޓަރެވެ.

ނަމަވެސް ސީރީޒްގެ ކާސްޓާ ބެހޭ އެއްވެސް މައުލޫމާތެއް ކަރަން ހިއްސާއެއް ނުކުރެ އެވެ.

އެކަމަކު ބައެެއް މީޑީއާތަކުން ބުނީ "ސްޓޫޑެންޓް އޮފް ދި އިޔާ 3" ގެ ބަތަލާގެ ރޯލު ކުޅޭނީ ޝަނާޔާ ކަޕޫރް ކަމަށެވެ. އޭނަ އަކީ އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ ދަރިއެކެވެ. ޝަނާޔާ ހިމަނައިގެން ކަރަންގެ ދަރުމާ އިން 2021 ގައި "ބޭދަޅަކު" ކިޔާ ފިލްމެއް ވެސް އިއުލާންކުރި އެވެ. އޭގެ ބަތަލުންނަށް ހަމަޖެއްސީ ލަކްޝް ލަލްވާނީ އާއި ގުރްފަރޭ ޕިރްޒާދާ އެވެ.

"ބޭދަޅަކު" އަކީ ޝަނާޔާއާ ދެބޭންގެ ދެދަރި ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފުކުރި 2018 ގެ ފިލްމު "ދަޅަކް" ގެ ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ ފިލްމެވެ. ނަމަވެސް ފަހުން މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ދަރުމާ އިން ނުދައްކަ އެވެ.

ޝަނާޔާ މިދިޔަ އަހަރު ވަނީ މަޝްހޫރު ވަނީ މަޝްހޫރު މަލަޔާޅަމް އެކްޓަރު މޮހާންލާލްގެ "ރުޝާބާ" ކިޔާ ފިލްމަކަށް ސޮއިކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސްޓޭޑެންޓް އޮފް ދި އިޔާ 3" ހަދާނީ ޑިޒްނީ ޕްލަސް ހޮޓްސްއާ ގުޅިގެންނެވެ.

ކަރަން ޑައިރެކްޓްކުރި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އަކީ ވަރޫން ދަވަނާއި އާލިއާ ބަޓްގެ އިތުރުން ސިދާތު މަލްއުތުރާ ބޮލީވުޑަށް ނެރުނު ފިލްމެވެ. މީގެ ދެވަނަ ބަޔަކީ 2019 ގައި އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ ތައާރަފުކުރި ފިލްމެވެ. ޓައިގާ ޝްރޮފް ބަތަލުގެ ރޯލު ކުޅުނު "ސްޓޫޑެންޓް އޮފް ދި އިޔާ 2" ޑައިރެކްޓްކުރީ 2010 ގެ "އައި ހޭޓް ލަވް ސްޓޯރީސް" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާ އެވެ.