Last Updated: July 22, 13:36
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ކްރޫ" ގެ ޖާދޫގައި ގިނަ ބަޔަކު ޖެހިއްޖެ

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ކްރޫ" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

މި ފިލްމަކީ ތިން ކެބިން ކްރޫއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ކަރީނާ ކަޕޫރާއި ތައްބޫގެ އިތުރުން ކްރިތީ ސެނަން މުހިއްމު ރޯލުތައް ކުޅެފައިވާ "ކްރޫ" ގައި ދައްކުވައި ދެނީ "ކޮހިނޫރު" ކިޔާ އެއާލައިނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުލިބި ހައެއްކަ މަސްވެފައިވާ އިރު، ތިން ކެބީން ކުރޫއެއްގެ ފަރާތުން ފެންނަ ކަންތައްތަކާއި އެ މީހުންގެ ލައިފްސްޓައިޓެވެ.

ވަރަށް ގްލެމަރަސް ފިލްމެއްގެ ގޮތުގައު ފާހަގަކޮށްލެވޭ މި ފިލްމަކީ ކުރިން ވެސް ކާމިޔާބު ޗިކް-ފްލިކްތަކެއް ގެނެސްދީފައިވާ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. "ކްރޫ" ގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝްނަން އެވެ.

މި ފިލްމަށް ވަރަށް ގިނަ ކްރިޓިކުން ތައުރީފުކޮށް، މިއީ ބޯހަމައްސައިލަން ވަރަށް ރަނގަޅު، އެހާމެ ޝައުގުވެރި ފިލްމެއް ކަމަށް ބުނެފައިވެ އެވެ. "ކްރޫ" ގެ ރޭޓިން އަށް ބަލާ އިރު، ގިނަ ކްރިޓިކުން ފިލްމަށް ދީފައި ވަނީ ފަސް ތަރިން ހަތަރު ތަރި އެވެ.

ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި މި ފިލްމު އެހާ ބޮޑަށް ކަމުދިޔަ ސަބަބުތަކުގެ ތެރޭގައި މީގެ ޕްލޮޓް އާވުމާއި ތަރިންގެ އެކްޓިން ރަނގަޅުވުމާއި ފިލްމު ގެނެސްދީފައި އޮތް ގޮތް ޗާލުވުމުގެ އިތުރަށް، ފިލްމުގެ މިއުޒިކް ވެސް ރީތިވުން ހިމެނެ އެވެ. "ކްރޫ" ގެ ލަވަތަކުގެ ތެރޭގައި ކުރީގެ މަޝްހޫރު ދެ ލަވައެއްގެ އާ ވާޝަންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި "ޗޯލީ ކޭ ޕީޗޭ" އަދި "ސޯނާ ކިތުނާ ސޯނާ ހޭ" ހިމެނެ އެވެ.

އިންޑިއާގެ އިތުރުން ބޭރުގެ މާކެޓްތަކުން ވެސް ފިލްމަށް އަންނަނީ ބޮޑި ތަރުހީބެއް ލިބެމުންނެވެ. އެހެންވެ "ކްރޫ" ވެފައި ވަނީ ބަތަލާއިން ލީޑްކުރާ ތަރިންގެ ފިލްމަކަށް މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމަށެވެ. ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 62.52 ކްރޯޑް ރުޕީސް (7.5 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

"ކްރޫ" ހެދީ 75 ކްރޯޑް ރުޕީސް (9 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. ފިލްމަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ތަރުހީބަށް ބަލާ އިރު، މީގެ އާމްދަނީ ވަރަށް އަވަހަށް 100 ކްރޯޑަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.