މި މަހު އޮލިމްޕަހަށް ގެންނަން ތައްޔާރުވަމުން އަންނަ އިޓާނަލް ޕިކްޗާސްގެ ފިލްމު "ލަސްވިޔަސް" އެޅުވުމުގެ ކުރިން ގެނެސްދޭ ފަހު ޓްރެއިލާ އާންމުކޮށްފި އެވެ.
މި މަހުގެ 12 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ދެވަނަ ފީޗާ އެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 1994 ގެ "ދެރިޔާ" އެވެ.
އެ ފިލްމަށް 30 އަހަރުން ޓެޑްރީ ގެނެސްދޭ "ލަސްވިޔަސް" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މީގެ ކާސްޓްގައި އަހުމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނާ އެކީ ބޮޑު ކާސްޓެއް ހިމެނެ އެވެ.
އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ރީކޯ މޫސާ މަނިކާއި މަރުވެފައިވާ ބަތަލާ ފައުޒިއްޔާ ހަސަން ހިމެނެ އެވެ.
"ލަސްވިޔަސް" ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، މީގެ ޓިކެޓް އަންނަނީ ވިއްކަމުންނެވެ. މި ފިލްމަކީ މި އަހަރު އޮލިމްޕަހަށް އަންނަ ފަސް ވަނަ ފިލްމެވެ. އެންމެ ފަހުން އެޅުވީ މި މިދިޔަ މަހު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދިން "ފުރޭތަ" އެވެ.