Last Updated: May 7, 21:23
Tuesday, May 7, 2024
ޚަބަރު

އެގްރިކަލް ޒޯން ވާނީ ބިޔަ މަޝްރޫއަކަށް: ސައީދު

އުތުރުތިލަފަޅުގައި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގުމަށް ހަމަޖެހިފައުވާ ދަނޑުވެރިކަމުގެ މަޝްރޫއު ވާނީ އާދަޔާހިލާފު ބިޔަ މަޝްރޫއަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއުގެ އެއްބަސްވުން ބާތިލު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އުތުރުތިލަފަޅުގައި ތަރައްގީކުރާ އެގްރިކަލް ޒޯން ވެގެން ދާނީ އާދަޔާހިލާފު އަދި އެންމެ މިޒަމާނުގެ ޓެކްނޮލޮޖީން މުއްސަނަދި ފަރުވެރިވި ބިޔަ މަޝްރޫއަކަށް ކަމަށެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުމުން އެންމެ ފަހުން ވެސް ކުރިކަމަކީ ގައުމު ބަންގުރޫޓްކޮށްލުން ކަމަށެވެ.

"ވެރިކަންކުރަން ފަސް އަހަރު ސްޕަމެޖޯރިޓީއާ އެކު ލިބުނު. އާޚިރު ނަތީޖާ އަކީ ހަމަ ކުރީ ފަހަރެކޭ ވެސް އެއްފަދައިން ޤައުމުބަނގުރޫޓްކޮށްލުން!." ސައީދު ވިދާޅުވި އެވެ.

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން ހަވާލުކުރީ ޗައިނާ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 29 ގަ އެވެ.

މި އެއްބަސްވުމުގެ ދަށުން އެގްރި ޒޯންގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިގުތިސޯދު ސިންދަފާތުކުރުމަށާއި އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ފައްޔާޒު ވިދާޅުވީ އެ އެއްބަސްވުން އެމްޑީޕީން ބާތިލުކުރަން މަސައްކަތް ކުރާނެ ސަބަބަކީ އުތުރުތިލަފަޅަކީ މާލޭ ރައްޔިތުންނަށް ގޯތި ދޭ ތަނަަކަށް ހެދުމަށް ކަމަށެވެ.