Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އެމްޑީޕީ ގޮވައިގެން މޯލްޑިވިއަން ކޯޓަށް

ރިޔާސީ އިންތިހާބުގެ ކެމްޕޭންތަކުގެ ތެރޭގައި ކުރި ދަތުރުތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މައްސަލަ ކޯޓަށް ހުށަހެޅީ ފައިސާ ދައްކަން ތަކުރާރުކޮށް އެންގުމަށް ފަހު އެވެ. މޯލްޑިވިނުން ބުނެފައި ވަނީ އެމްޑީޕީން ކުރި ދަތުރުތަކަށް 5.6 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

ފައިސާގެ މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅޭ ގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ދައުލަތުގެ މީޑިއާ އަށް ވިދާޅުވީ، އެ މައްސަލާގައި ހޯދުމަށް އެކި ގޮތްގޮތަށް އެ ކުންފުނިން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހު ވެސް އެމްޑީޕީ އަށް ފައިސާ ދެއްކުމަށް ލިއުމުން އެންގުމަށް ފަހު ވެސް ފައިސާ ދައްކަން ފުރުސަތު ދީފައިވާ ކަމަށާއި ނަމަވެސް އެކަމަށް ޕާޓީން އިޖާބަ ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އިޔާސް ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސެސް އައިއޭސް) އިން ދަތުރުތައް ކޮށް ދޭން އެއްބަސްވީ ޚިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ބިލްތަކަށް ފައިސާ ދައްކާ ގޮތަށެވެ. ނަމަވެސް އެގޮތަށް އެ ޕާޓީން އަމަލުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެ ޕާޓީން ދައްކާފައި ނުވެއެވެ.

އެ ކުންފުނިން ބުނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން ޓިކެޓާއި ކޮށްފައިވާ ޗާޓަރު ފްލައިޓުތަކަށް 5،629،861ރ. އަރާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ކޮށްފައިވާ 10 ދަތުރަށްވާ ފައިސާއެވެ.