Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޒުވާނުން ވޯޓްލާން ހިތްވަރު ދޭނީ އަޔޫޝްމަން

މި މަހު އިންޑިއާގައި ބާއްވާ ލޯކް ސަބާ އިންތިހާބުގައި ޒުވާނުން ވޯޓްލާން ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނަށް ބޮލީވުޑްގެ ތަރި އަޔޫޝްމަން ކުރާނާ ހަމަޖައްސައިފި އެވެ.

އެ ގައުމުގެ އިލެކްޝަން ކޮމިޝަމުން ބުނީ އަޔޫޝްމަން އަކީ ވަރަށް ގިނަ ބަޔަކު ސަޕޯޓްކުރާ ތަރިއެއް ކަމަށާއި ހާއްސަކޮށް އޭނަގެ ޒުވާން ފޭންބޭސް ވަރަށް ބޮޑު ކަމަށެވެ. އެހެންވެ އަޔޫޝްމަނާ އެކީ ކުރިއަށް ގެންދާ ކެމްޕޭންގެ ސަބަބުން ވޯޓްލާން ނުކުންނަ ޒުވާނުން ވަރަށް ބޮޑަށް އިތުރުވާނަކަމުގެ އުންމީދު ބޮޑު ކަމަށް އިލެކްޝަން ކޮމިޝަމުން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އަޔޫޝްމަން ބުނީ ވޯޓަކީ ގައުމު ބިނާކުރަން ކުރެވޭ މަސައްކަތުގައި ކޮންމެ ފަރުދަކަށް އަދާކުރެވެން އޮތް ހައްގެއް ކަމަށާއި އޭގެ ބޭނުން އެންމެން ހިފަން ވާނެ ކަމަށެވެ. އަދި ގައުމުގެ ކުރިއަށް ގެންދާނެ ގޮތް ބައްޓަން ކުރުމުގައި ޒުވާނުންގެ ދައުރު ބޮޑު ކަމަށާއި އެހެން ކޮންމެ ޒުވާނަކު ވޯޓްލުމުގެ ހައްގު ޒިންމާދާރުކަމާ އެކީ އަދާކުރުމަކީ މުހިއްމު ކަމެއް ކަމަށް ބުންޏެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުހގެ ތިރިގެ، ލޯކް ސަބާގެ އިންތިހާބުގެ ވޯޓްލުން ފަށާނީ މި މަހުގެ 19 ގަ އެވެ. އަދި ވޯޓްލުން ޖޫން 1 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 968 މިލިއަން މީހަކަށް ލިބިގެންވެ އެވެ. މިއީ 2019 ގެ އާންމު އިންތިހާބުގައި ވޯޓްލީ މީހުންނަށް ވުރެ 150 މިލިއަން އިތުރު އަދަދެކެވެ.

ލޯކް ސަބާގެ 543 ގޮނޑީ އަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ އިންތިހާބަކީ މިހާރުގެ ބޮޑުވަޒީރު އަދި ބީޖޭޕީ އަށް ނިސްބަތްވާ ނަރެންދުރަ މޯދީ އަށް ތިން ވަނަ ދައުރެއް ލިބޭނެތޯ ނޫންތޯ ވެސް ސާފުވާނެ އިންތިހާބެކެވެ.

މި ފަހަރުގެ އިންތިހާބުގައި ވެސް ބައެއް ފިލްމީ ތަރިން ވާދަކުރެ އެވެ. އެގޮތުން ބީޖޭޕީގެ ޓިކެޓް ކަންގަނާ ހިމާޗަލް ޕްރަދޭޝްގެ މަންޑީ އަށް ވާދަކުރާ އިރު، ޝިވް ސެނާގެ ޓިކެޓްގައި ގޯވިންދާ މުމްބާއީ ނޯތު ވެސްޓް ދާއިރާ އަށް ވާދަކުރެ އެވެ.