Last Updated: April 30, 09:39
Tuesday, April 30, 2024
ކުޅިވަރު

ވެސްޓްހަމްއާ އެއްވަރުވެ ޓޮޓެންހަމުން ފުރުސަތު ނަގާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑްއާ 1-1 އިން އެއްވަރުވެ، ލީގުގެ ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުސަތު ޓޮޓެންހަމުން ނަގާލައިފި އެވެ.

މި ނަތީޖާއާ އެކު ޓޮޓެންހަމް އޮތީ 30 މެޗުން ލިބުނު 57 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. ރޭގެ މެޗުން މޮޅުވެގެން ހަތަރުވަނަ އަށް އެރެން ޓޮޓެންހަމަށް ފުރުސަތު އޮތް އިރު، ހަތަރުވަނައިގައި 59 ޕޮއިންޓާ އެކު މިހާރު އޮތީ އެސްޓަންވިލާ އެވެ. ލީގުގައި މިރޭ އެސްޓަންވިލާ އިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނާނެ އެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި ބްރެނަން ޖޯންސަން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. ޖޯންސަން މި ގޯލު ކާމިޔާބު ކުރީ ޓިމޯ ވާނާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ނަމަވެސް މެޗުގެ 19 ވަނަ މިނެޓްގައި ކާޓް ޒޫމާ ވަނީ ވެސްޓްހަމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ޓޮޓެންހަމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެވަނަ ހާފުގައި ވެސްޓްހަމްގެ ގޯލަށް މާބޮޑު ނުރައްކަލެއް އެޓީމަށް ކުރެވިފައެއް ނުވެ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލް ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނޮޓިންހަމް ފޮރެސްޓުން 3-1 އިން ފުލަމް ބަލިކުރިއިރު، ބޯންމަތް އިން ވަނީ 1-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފަ އެވެ. އަދި ބާންލީ އާއި ވުލްވްސް ބައްދަލުކުރި މެޗު ވީ 1-1 އިން އެއްވަރެވެ.